ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމުކަމަށް ދެކުނު ކޮރެޔާގައި ހުކުރު ދުވަހު އެކަނިވެސް 594 މީހަކު މި ރޯގާއަށް ޕޮޒިޓިވްވިކަން ކަށަވަރުވެފައިވާކަމަށާ، މިއީ 1 ދުވަހާ އެންމެ ގިނަ އަދަދަކަށް ބަޔަކު އެ ގައުމުން މި ވައިރަހަށް ޕޮޒިޓިވްވި ފަހަރު ކަމަށް ޚަބަރު ލިބިއްޖެއެވެ.

ހުކުރު ދުވަހުގެ ތަފާސް ހިސާބުތަކާއެކު ދެކުނު ކޮރެޔާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 2931އަށް އަރާފައެވެ. މި ރޯގާގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 17އަށް އަރައެވެ. ޗައިނާއިން ބޭރުން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓް ކުރަމުންދަނީވެސް ދެކުނު ކޮރެޔާއިންނެވެ.

ކޮވިޑް-19ގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން މިހާރު ދަނީ އެންމެ ނުރައްކާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަސްކަރިއްޔާއިން ހަރަކާތްތެރިވަމުންދަނީ އެކި ސަރަހައްދުތައް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ދެކުނު ކޮރެޔާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރިގެން ދިއުން ގުޅިފައިވަނީ ނަސޯރާ ދީނުގެ ފިކުރުން އުފެދުނު ގޮތްޕަކާއެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ އެ ޖަމާއަތުގެ މީހުން އެކަކު އަނެކަކު އިންފެކްޓްކުރުމަށްފަހު، މިހާރު ވަނީ އެހެން މީހުންނަށް ނޭނގޭ ގޮތަށް ގައުމުގެ އެކި ހިސާބުތަކަށް ފެތުރިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވަނީ ކޮވިޑް-19 މިހާރު އޮތީ މުޅި ދުނިޔެވެސް އެލާޓަށް އަންނަންޖެހޭ އެންމެ މަތީ ދަރަޖައިގެ ރޯގާއެއްގެ ގޮތުގައި ގިންތިކޮށްފައެވެ.