ދުނިޔޭގައި 2 ވަނައަށް އެންމެ ނުފޫޒުގަދަ އިގުތުސޯދުގެ މަގާމުގައި އޮތް ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު، އިންޑިއާ ފައިސާ (ރުޕީޒް)އަށް ކުރަން ފަށައިފިއެވެ.
ފައިސާ ގަނެވިއްކުމުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އިންޑިއާ ރުޕީޒްގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. ފައިސާ ގަނެވިއްކުމުގެ ބާޒާރުގައި އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ޑޮލަރަކަށް މިހާރު 72.29 ރުޕީޒް ޖެހެއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށްފަހު އިންޑިއާ ރުޕީޒްގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އިންޑިއާ ފައިސާގެ އަގު ދަށަށް ގޮސްފައިވަނީ އިންޑިއާގައި ހަރަކާތްތެރިވާ ބޭރުގެ އިންވެސްޓަރުން އިކުއިޓީ ވިއްކަން ފެށުމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ކަންމިހެން އޮތްއިރު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ ވިޔަފާރިއަށްވެސް ވަނީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ. ބާޒާރުތަކުގައި މިހާރު ތެޔޮ ފީފާއެއްގެ އެވަރޭޖު އަގަކީ 51.15 ޑޮލަރެވެ. މިއީ ކުރިން ތެޔޮ ވިއްކަމުންދިޔަ އަގުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް 1.97 ޕަސެންޓް ދަށް އަދަދެކެވެ.