މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން އުފެދުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސަރުކޮށްގެން އެބަލީގައި އީރާނުން މަރުވި މީހުންގެ އަދަދު 210 އަށް އަރާފައިވާކަމަށް އީރާނުގެ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާ ހަވާލާދީ ބީބީސީގެ ފާރިސީ ޗެނަލުން ހާމަކޮށްފިއެވެ.

ބީބީސީގެ ފާރިސީ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ އަސަރުކޯށްގެން އީރާނުން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ވެރިރަށް ތެހްރާންއާއި ގޯމް ސިޓީއިންނެވެ. ގޯމްއަކީ އީރާނުން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭހެއް ފެނުނު ސަރަހައްދުވެސްމެއެވެ.

އީރާނުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ބީބީސީގެ ފާރިސީ ޗެނަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަކީ އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު އާންމުކުރި އަދަދަށްވުރެ 6 ގުނަ އިތުރު އަދަދެކެވެ.

އީރާނުން ދަނީ އާންމުން އެއްވާ ތަންތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން/ފޯޓޯ: އޭއެފްޕީ

ކޮވިޑް-19އާއި ގުޅިގެން އީރާނުން މައުލޫމާތު ސިއްރުކުރަމުންދާކަމުގެ ތުހުމަތުތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ފެންމަތިކޮށްފައި ވީ ނަމަވެސް އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ކިއާނޫޝް ޖާހަންޕޫރު ވަނީ އީރާނުގެ ސަރުކާރުން ގެންގުޅެމުންދަނީ ދެފުށް ފެންނަ އުސޫލުތަކެއް ކަމަށް ވިދާޅުވެ، ބީބީސީއިން ފަތުރަނީ ދޮގު ޚަބަރުތަކެއް ކަމަށްވެސް ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ގޯމް ސިޓީ ތަމްސީލުކުރައްވާ މެމްބަރަކުވެސް ވަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހަގީގަތް ފޮރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެމެރިކާއިންވެސް މިފަދަ ވާހަކަތަކެއް ދައްކާފައިވެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ ކޮވިޑް-19އާއި ގުޅިގެން އީރާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އީރާނުގެ ސިއްހީ ނިޒާމުގެ ހިދުމަތްތަކަކީ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދެވެމުންދާ ހިދުމަތްތަކެއް ނޫންކަމަށާ، އީރާނު ތެރޭގައި ހިނގަމުންދާ ކަންތައްތަކުގެ ވާހަކައަކީ އެގައުމުގެ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ހިއްސާ ކުރާ ވާހަކަތަކެއް ނޫންކަމަށްވެސް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ/ފޮޓޯ: ރޮއިޓާޒް

ޕޮމްޕޭއޯގެ ވާހަކަތައް މިފަދަ ގޮތަކަށް ހުރިއިރު އީރާނު ހާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މޫސާވީ ވަނީ އެމެރިކާގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އީރާނަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ގައުމެއް ކަމަށާ، އީރާނަކީ އެމެރިކާއިން ހިންގާ އިގުތިސޯދީ ޓެރަރިޒަމްގެ ޖަރީމާގެ ޝިކާރައަކަށްވެސް ވެފައިވާ ގައުމެއް ކަމަށާ، މިކަމުގެ ސަބަބުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާ އާލާތްތައް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މިފަދަ ހާލެއްގައި ވަނިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ އެމެރިކާއިން ކުޅެމުންދަނީ ސިޔާސީ-ނަފްސާނީ ކުޅިގަނޑެއް ކަމަށްވެސް މޫސާވީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ފެށުން ކަމުގައިވި ޗައިނާގެ ހޫބޭ ޕްރޮވިންސްގައި ވައިރަސް ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު އެހީތެރިކަމަކަށްވީ ސިޓީތައް ކަރަންޓީނުކުރުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ފާހަގަކުރި ކަމުގައި ވީ ނަމަވެސް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެފަދަ ފިޔަވަޅެއް އެޅުއްވުމަށްވެސް އިންކާރު ކުރައްވާފައެވެ. މީގެ އިތުރުން ޝީޢީ މުސްލިމުންނަށް ހާއްސަ ބައެއް ތަންތަން ބަންދުކޮށްފައި ނުވާއިރު، މި ތަންތަނަކީ އަހަރަކު އެތައް މިލިއަން ބަޔަކު ޖަމާވާ ސަރަހައްދުތަކެއްކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު އެކުލަވާލި ނިއުކްލިއާ މަޝްރޫއުގެ ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވިފަހުން އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް އީރާނުން ދަނީ ގިނަ އަދަދަކަށް ޖަމާވާ ތަންތަން ޑިސްއިންފެކްޓް ކުރަމުން/ފޮޓޯ: ފްރާންސް 24

އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ މެންދުރުގެ ފަހުގެ ނިޔަލަށް އެގައުމުން ކޮވިޑް-19ގެ އަސަރުކޮށްގެން މަރުވެފައިވަނީ 34 މީހެކެވެ. އަދި އެގައުމުން ކޮވިޑް-19ގެ އަސަރު ކުރި ޖުމުލަ މީހުންގެ އަދަދު އުޅެނީ 388 ގައި ކަމަށްވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އީރާނާ ސަރަހައްދީ އިން ހިއްސާކުރާ ބައެއް ގައުމުތަކުގައިވެސް މި ދުވަސްވަރު ކޮވިޑް-19 ޖެހިފައިވާ މީހުން ރިޕޯޓްކުރަމުންދާއިރު، މީގެ ތެރޭގައިވެސް ގިނައީ އީރާނަށް ދަތުރުކޮށްފައިވާ މީހުންނެވެ.

އީރާނުގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ޕޭޝަންޓުންނަށް ހާއްސަކޮށްފައިވާ ވޯޑަކަށް ބަލިމީހަކު ބަދަލުކުރަނީ/ފޮޓޯ: މީޒާން ނިއުސް އޭޖެންސީ

އީރާނުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އީރާނާ ސަރަހައްދީ އިން ހިއްސާކުރާ ގައުމުތަކުންވަނީ ބޯޑަރު ހުރަސްކުރެވެން އޮތް ފުރުސަތު ބަންދުކޮށްފައެވެ. ވައިގެ މަގުން އީރާނުން ކުރާ ދަތުރުތަކަށްވެސް ބައެއް ގައުމުތަކުން ދަނީ ހުރަސް އަޅަމުންނެވެ. އެގޮތުން އީރާނުން އަންނަ މީހުންނަށް ވިސާ ދޫކުރުންވެސް ބައެއް ގައުމުތަކުން މިހާރު ވަނީ ހުއްޓާލާފައެވެ.