ބައެއް އާއިލާތަކަށް ކަބަޑާއި އަލަމާރި ފަދަ ފަރުނީޗަރަކީ ހާންދާނީ ތަރިކައެކެވެ. ޒަމާންވެ ވީރާނާވާން ފަށަނީވެސް މީގެ ތެރެއިން މަރު ފަރުނީޗަރެއް ނޫނެވެ. އެ ފަރުނީޗަރެއްގެ ބޭނުން މާ ގިނަ ދުވަހު ކުރަންވެއްޖެނަމަ ހަލާކުވާ ގޮތްވެއެވެ. ކިތަންމެ އަލަސް، ބަލަސް، މިކަން އޮތީ ހަމަ މިހެންނެވެ. މެދުން ބިނދި ބޭނުން ނުކުރެވޭ ވަރުވުމުން، ކިތަންމެ ލޯބިވިއަސް އެ އެއްޗެއް އޮންނަނީ އެއްލާލަންޖެހިފައެވެ.

މެދުން ބިނދި، ހަމަ ދެންމެ ދެންމެ ބިމާ ހަމަވެދާނެ ހެން ހީވި ކަމުގައި ވީ ނަމަވެސް، ނިއުޒީލަންޑްގެ ވަޑިއެއް ކަމަށްވާ ހޭންކް ވާހޯފް ޖަހާ ކަބަޑުތައް މިއީ އެއްލާލަން ހެޔޮވާވަރުގެ ކަބަޑުތަކެއް ނޫނެވެ. ވަޑިއެއްގެ ގޮތުގައި އުމުރު ހުސްކޮށްލުމަށްފަހު މަސައްކަތުން މުސްކުޅިވެގެން ހުންނަން ގަސްތުކުރި ހޭންކު މިހާރު ޖަހަމުންދާ ކަބަޑުތަކަކީ ބަލާބެލުމަށް ޒަމާންވެ ހަލަކުވެފައިވާ ކަބަޑުތަކެކެވެ. ކޮމްޕިއުޓަރުން ފޮޓޯއެއް ބަލާނަމަ އެއީ ކޮންމެވެސް ސޮފްޓްވެއާއެއް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ މަންޒަރެއްވެސް ހީވާ ފަހަރު އާދެއެވެ. ނަމަވެސް މިއީ ހޭންކް އެ ކަބަޑުތައް ފަރުމާ ކުރި ގޮތެވެ. މިއީ ޒަމާންވެގެން ހަލާކުވެފައިވާ ކަބަޑުތަކެއް ނޫނެވެ. ނުވިތަނަކަށް، މިއީ ކޮމްޕިއުޓަރު އެޑިޓްކޮށްފައިވާ މަންޒަރުތަކެއްވެސް ނޫނެވެ.

ނިއުޒީލަންޑްގެ ވަޑިއެއް ކަމަށްވާ ހޭންކް ވާހޯފް ޖަހާ ކަބަޑުތައް/ފޮޓޯ: ފޭސްބުކް

ހޭންކް ބުނާ ގޮތުގައި އޭނާގެ އަމާޒަކީ އެއްވެސް ފިހާރައަކުން ގަންނަން ނުލިބޭ ފަދަ ފަރުނީޗަރުތައް އުފެއްދުމެވެ. މިއިން ކޮންމެ ކަބަޑެއް ނިންމާލުމަށް ހޭންކް ވަނީ 80-100 ގަޑިއިރެއްހާއިރު ހޭދަކޮށްފައެވެ. ކަބަޑު ތެރޭގެ ތަފްސީލުތަކަށް ބަލާލުމުން މިކަމަށް ހެކި ލިބެއެވެ. އެކި ކަންކަނަށް ލަކުޑި ކަފާ، ގުޅަމުންދާއިރު އެ ޖަހާ ނިމޭ ކަބަޑަކީ ބޭނުން ކުރެވޭ ފެންވަރަށް ތައްޔާރު ކުރާ ކަބަޑެއްކަން ހޭންކް ކަށަވަރު ކުރެއެވެ. ބޮލަށް ވެއްޓިދާނެ ހީވި ނަމަވެސް، މި ކަބަޑުތަކަކީ ބޭނުންކުރަން ރައްކާތެރި ފަރުނީޗަރުތަކެކެވެ.

ނިއުޒީލަންޑްގެ ވަޑިއެއް ކަމަށްވާ ހޭންކް ވާހޯފް ޖަހާ ކަބަޑުތައް/ފޮޓޯ: ފޭސްބުކް

މި އާދަޔާ ހިލާފު އުފެއްދުމަށް ކިތަންމެ ގަޔާވި ކަމުގައި ވީ ނަމަވެސް، މިއީ އެއްވެސް ހާލެއްގައި ހޭންކް ވިއްކާ ކަބަޑުތަކެއް ނޫނެވެ. މިއީ އޭނާ ފޫހިފިލުވަން ކުރާ ކަމެއް ކަމަށް ހޭންކް ދަނީ ބުނަމުންނެވެ. އެކަމަކު އިތުރު ފަރުނީޗަރު ބަހައްޓާނެތަނެއް ނެތިއްޖެނަމަ ނީލަމެއްގައި މި ތަކެތި ވިއްކަން ފެށުން އެކަށީގެންވާކަމަށްވެސް ހޭންކްވަނީ އިޝާރާތްކޮށްފައެވެ.

ނިއުޒީލަންޑްގެ ވަޑިއެއް ކަމަށްވާ ހޭންކް ވާހޯފް ޖަހާ ކަބަޑުތައް/ފޮޓޯ: ފޭސްބުކް

ހޭންކްގެ މަސައްކަތަށް ދުނިޔޭގެ އެކި ހިސާބުތަކުން ސަމާލުކަން ހުއްޓެން ފެށީ މީގެ ހަފުތާއެއްހާ ދުވަސްކުރިން، ހޭންކްގެ ދަރިފުޅު ފޭސްބުކް އެކައުންޓެއް ހަދާ، އެ ފަރުނީޗަރުތަކުގެ ފޮޓޯޓައް އެ އެކައުންޓުގައި ޕޯސްޓްކުރަން ފެށުމުންނެވެ. މި ފަރުނީޗަރުތަކަށް ލިބެމުންދާ ތުހީބު ފެނި، ޚުދު ހޭންކްވެސް ހުރީ ހައިރާންވެފައެވެ.