މުސްލިމުންގެ މުގައްދަސް ދެ މިސްކިތް ކަމަށްވާ އަލް-މަސްޖިދު އަލް-ޙަރަމްއާއި، އަލް-މަސްޖިދު އަލް-ނަބަވީ އޮތީ ބަލިމަޑުކަމެއް ކުރިމަތިވެއްޖެ ހިނދެއްގައި އެކަމާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި ކަމަށް ޚާދިމުލް ޙަރަމައިނި އަލްޝަރީފައިން ނުވަތަ ދަ ޖެނެރަލް ޕްރެޒިޑެންސީ އޮފް ދަ ޓޫ ހޯލީ މޮސްކްސް އިން ހާމަކޮށްފިއެވެ.
އެގޮތުން އަޅުކަން ކުރަން އަންނަ ފަރާތްތަކަށް ކޮންމެހެން ދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދެވެމުންދާކަމަށާ، މަސްޖިދު އަލް-ޙަރަމް ސާފުކުރުމުގެ މަސައްކަތް ދެގުނަ އިތުރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ދުވާލަކު 4 ފަހަރު މިސްކިތާ މިސްކިތުގެ ވަށައިގެންވާ ސަރަހައްދު ދޮވެ ސާފުކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.
މީގެ އިތުރުން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާ މެދުވެރިކޮށް އެކި ބަސްބަހުން މައުލޫމާތު ފޯރުކޮށްދެމުންދާކަމަށާ، ސްކްރީން މެދުވެރިކޮށްވެސް އެކި ކަހަލަ މައުލޫމާތާ، ސިއްހީ އިރުޝާދާ، ކުއްލި ހާލަތުގައި އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެމުންދާކަމަށްވެސް ޚަބަރު ލިބެއެވެ.
ޚާދިމުލް ޙަރަމައިނި އަލްޝަރީފައިންގެ ހިދުމަތްތަކާ ބެހޭ އިދާރާގެ އެސިސްޓަންޓް އަންޑަސެކްރެޓަރީ ޢަބްދުލްހާމިދު އަލް-މާލިކީ ވިދާޅުވީ، ހައްލު ހޯދޭނެ ހުރިހާ މަގުތަކެއް ދެނެގަނެ އެކަންކަން ހާސިލުކުރުމަށް އާންމު ސިއްހަތާ ބެހޭ އިދާރާތަކުގެ އޮފިޝަލުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މޫނު ނިވާކުރަން ބޭނުން ކުރާ މާސްކްއާއި ހޭންޑް ސެނިޓައިޒާ ބެހުމުގެ މަސައްކަތް، ސަރުކާރާ ޕްރައިވެޓް އޭޖެންސީތަކާ ގުޅިގެން ކުރަމުން އަންނަކަންވެސް އަލް-މާލިކީ ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19ގެ ނުރައްކާ މެދުއިރުމައްޗަށް އިންތިހާއަށް ބޮޑުވުމުން ދިއުމާ ގުޅިގެން ސައުދީއިންވަނީ ބޭރު ގައުމުތަކުން އުމްރާގެ އަޅުކަމަށް އެދި އެގައުމަށް އަންނަ ފަރާތްތަކަށް ވިސާ ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. މީގެ އިތުރުން ބަލި ފެތުރިފައިވާ ގައުމުތަކުން އަންނަ ފަރާތްތަކަށް ޓޫރިސްޓް ވިސާ ދޫކުރުންވެސް ސައުދީއިން ވަނީ ހުއްޓާލާފައެވެ.
ސައުދީއަކީ އާންމުންގެ ބޮޑު ޖަމާއަތްތަކުގައި ހާދިސާއެއް ހިނގައިފިނަމަ އެކަން ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ގައުމެކެވެ.