ހުކުރު ނަމާދާ އެނޫންވެސް ޖަމާއަތްތައް ނުބޭއްވޭ ގޮތް ހަދާ ދިނުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ އެދިއްޖެއެވެ.
އީރާނުގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން މިކަމަށް އެދިފައި ވަނީ އެގައުމުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް)އާއި ގުޅިގެންނެވެ.
އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ކިއާނޫޝް ޖާހަންޕޫރާ ހަވާލާދީ އީރާނުގެ ޚަބަރު ފަތުރާ އައިއާރްއެންއޭ ނިއުސް އޭޖެންސީއިން ބުނީ ވަކި އެއްޗެއް އަންގަންދެން، އާންމުން އެއްވާ ހުރިހާ ޖަމާއަތެއް ކެންސަލް ކުރަންޖެހޭ ކަމަށެވެ.
ލިބެމުންދާ ބައެއް މީޑިއާ ރިޕޯޓްތަކަށް ބަލާއިރު އީރާނުގައި މިއަދު ހުކުރު ނަމާދު ނުކުރާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ޖަހާންޕޫރު ވިދާޅުވީ ކޮވިޑް-19އާއި ގުޅޭ އިންފެކްޝަންތައް ދެނެގަނެ އިތުރު ޓެސްޓުތައް ހެދުމަށްޓަކައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 15 ލެބެއްގައި ހިދުމަތްދޭނެ ކަމަށެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200އަށްވުރެ މައްޗަށް އަރާފައިވާއިރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އީރާނުގެ ވައިސް ޕްރެޒިޑެންޓް ފޮ ވިމެން އެންޑް ފެމިލީ އެފެއާޒް މައުސޫމާ އިބްތިކާރުވެސް ހިމެނިވަޑައިގަންނަވައެވެ.
24 ގަޑިއިރުގެ ތެރޭގައި އިތުރު 100 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވިއިރު މިމުއްދަތުގައި މަރުވި 7 މީހުންނާއެކު އީރާނުން ކޮވިޑް-19ގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައެވެ. ކަށަވަރުނުވާ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދަދު އުޅެނީ 50-90 އާއި ދެމެދު މިންވަރެއްގައެވެ.
ކަންމިހެން އޮތްއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، މިހާރުން މިހާރަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިފިނަމަ، އަތުނުޖެހި ކޮންޓްރޯލް ނުވެގެންދާ ދަރަޖައަކަށް ދިއުމުގެ ކުރިން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، ކޮވިޑް-19އަކީ ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކަށް ޖެހުން އެކަށީގެންވާ ރޯގާއަކަށް ވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށާ، ހުރިހާ ގައުމަކުން ފިޔަވަޅުތައް ވަރުގަދަކޮށް މިކަމަށް އިތުރަށް ތައްޔާރުވުމަށްވެސް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.