2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ ހީނަރު ކަމަކުގެ ވާހަކައަކީ ގިނަ ބަޔަކު އަދިވެސް ހަނދާން ނެތިފައި އޮންނާނެ ވާހަކައެއް ނޫނެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި އެކި ގައުމުތަކުން ތަންފީޒުކުރަން ފެށި ބައެއް ސިޔާސަތުތައް އަދާ ޖެހުނުއިރުވެސް އެ ގޮތުގައި ތަންފީޒު ކުރަމުން ދާ ގައުމުތައް އެބައޮތެވެ. އެ ހީނަރުކަމުން އަރައި ނުގަނެވި އޮތް ކިތަންމެ ގައުމެއްވެސް އެބައޮތެވެ.
އަނެއްކާވެސް ދުނިޔެ މިވަނީ އެފަދަ އަނދަވަޅެއްގެ ތުންފަތް މަތީގައި ކަން ލިބެމުންދާ އެންމެ ފަހުގެ ތަފާސް ހިސާބުތައް އިންޒާރު ކުރެއެވެ. ނިމިގެންދިޔަ ހަފުތާއަކީ 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމުގެ ދުވަސްވަރަށްފަހު ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރު ދުށް އެންމެ ނިކަމެތި ހަފުތާއެވެ. ސަބަބަކަށް ވެފައި އޮތީ ދުނިޔޭގައި 2 ވަނައަށް އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާއިން އުފެދި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ އިގުތިސޯދުގެ ގޮތުގައި އޮތް އެމެރިކާގެ ހިއްސާގެ ބާޒާރު ނުވަތަ ވޯލް ސްޓްރީޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޑޯ ޖޯންސްގެ ހިއްސާގެ އިންޑެކްސްވަނީ 1200 ޕޮއިންޓް ދަށަށް ގޮސްފައެވެ. މިއީ ވޯލް ސްޓްރީޓްގެ ދިގު މާޒީގައިވެސް މިއަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ހުކުރު ދުވަހަށް އަލިވިލުނުއިރު ފެންމަތިވެގެން އައި މިޚަބަރާއެކު، މިއަދު އޭޝިއާގެ ހިއްސާގެ ބަޒާރުތަކަށް ވަނީ ވަރުގަދަ ލޮޅުމެއް އަރާފައެވެ. އެގޮތުން ޖަޕާން، އޮސްޓްރޭލިއާ، ކޮރެއާ އަދި ޗައިނާގެ ހިއްސާގެ ބަޒާރަށް ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ.
ސައުދީއިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު މަޑުޖައްސާލުން
މިވަގުތު ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައިކުރާ ގައުމަކީ ސައުދީ އަރަބިއްޔާއެވެ. ކަންމިހެން އޮތްއިރު ސައުދީއިން ވަނީ އަންނަ މާޗް މަހު ޗައިނާއަށް އެކްސްޕޯޓްކުރާ ތެލުގެ މިންވަރު އިންތިހާއަށް ދަށްކުރަން ނިންމާފައެވެ. އެގޮތުން ޗައިނާއަށް ދުވާލެއްގެ މައްޗަށް ސައުދީއިން ބޭރުގެ ތެލުގެ ޝިޕްމަންޓްއިން 500000 ފީފާގެ ތެޔޮ އުނިކުރުމަށް ސައުދީއިން ވަނީ ނިންމާފައެވެ. އެއީ ކޮވިޑް-19އާއި ގުޅިގެން ޗައިނާއިން ތެލަށް ކުރަމުންދާ ޑިމާންޑް ދަށްވުމުގެ ސަބަބުން އަޅާ ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިގުތިސޯދީ މުރާސިލުން ބުނާ ގޮތުގައި ސައުދީއިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްކުރުމަކީ، ބައިނަލްއަގުވަމީ ފެންވަރުގައި އެންމެ ގިނަ އަދަދަކަށް ތެޔޮ އިމްޕޯޓްކުރާ ޗައިނާގެ އިގުތިސޯދު ހުއްޓުމަކަށް އައިސްފައިވާ މިންވަރު ވަޒަންކޮށްދޭ ހެއްކެކެވެ. މަސްދަރުތަކުން ހާމަކުރާ ގޮތުގައި އާންމު އުސޫލުން ބަލާނަމަ ޗައިނާއަކީ ދުވާލެއްގެ މައްޗަށް 1.8 މިލިއަން ފީފާއާއި 2 މިލިއަން ފީފާއާއި ދެމެދު އަދަދަކަށް ސައުދީއިން ސާފު ނުކުރާ ތެޔޮ ގަންނަ ގައުމެކެވެ.
ޗައިނާގެ ދައުލަތުން ހިންގާ ސީނޯޕެކް ކޯޕަރޭޝަން، ޕެޓްރޯޝައިނާ، ޗައިނާ ނޭޝަނަލް އޯފްޝޯ އޮއިލް ކޮމްޕެނީއާއި ހެންގްލީ ޕެޓްރޯކެމިކަލް ފަދަ މިނިވަން ވިޔަފާރިތަކުން ވަނީ ސާފުނުކުރާ ތެޔޮ ޕްރޮސެސް ކުރާ މިންވަރު މި މަހު އިންތިހާއަށް މަޑުޖައްސާލަފައެވެ.
ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އައިއެމްއެފްއިން ދަށްކުރާނެތަ؟
ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެއްޔަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމީ މިއަދު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ކުރިއަރާނެ ކަމަށް ލަފާކުރާ މިންވަރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އިން ދަށްކުރާނެއެވެ.
އައިއެމްއެފްގެ ތަރުޖަމާނު ގެރީ ރައިސްވެސް ވަނީ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެއްޔަށް އަސަރުތަކެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެފަދަ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޖަރުމަނުގެ ފިކުރު ތަފާތު
ޖަރުމަނުވިލާތުގެ އިގުތިސޯދާ ބެހޭ ވަޒީރު ޕީޓާ އޯލްޓްމެއާ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި އިގުތިސޯދީ ހީނަރުކަމުގެ ތެރެއަށް ދުނިޔެ ވެއްޓިގެންދާނެތޯ ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ކުރިމަތިވެދާނެ ކޮންމެ ފަދަ ހާލަތަކަށް ތައްޔާރުވެ ތިބުން މުހިންމު ކަމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޖަރުމަނުވިލާތަށް ވަކިން އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ، މަސްރަހު މާ ގޯސްވާން ފަށައިފިނަމަ މަސައްކަތު ވަގުތު މަދުކުރުން ފަދަ ފިޔަވަޅުތަކަކާއެކު މަސްލަތަކަށް ހައްލު ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ފައިސާ ގަނެވިއްކުމުގެ ވިޔަފާރިއަށްވެސް ކޮވިޑް-19ގެ އަސަރު
އިގުތިސޯދާ މާލީ ބާޒާރަށް ކޮވިޑް-19ގެ އަސަރު ކުރަމުންދާއިރު ނުވެ ނުދާނެ އެއް ކަމަކީ ފައިސާ ގަނެވިއްކުމުގެ ބައިނަލްއަގުވާމީ ވިޔަފާރިއެވެ. ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު މި އަނދަވަޅުގެ ތުންފަތް މައްޗަށް ނުވެއްޓި ސަލާމަތް ހޯދަމުންދަނީ އެމެރިކާ ޑޮލަރެވެ. އެމެރިކާ ޑޮލަރަކީ ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ފައިސާ ގަނެވިއްކުމުގެ މައި މުލެވެ.
އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ބައެއް ގައުމުތަކުން ފައިސާ ގަތުމަށް ކުރަން ޖެހޭ ހޭދަ ވަނީ 0.8 ޕަސެންޓް ބޮޑުވެފައެވެ.
ކަންމިހެން އޮތް އިރު ސީދާ ގޮތުން ޗައިނާގެ ފައިސާގެ މުއާމަލާތްތަކަށް ހުށަހެޅިފައިވާ ފައިސާ ގެންގުޅޭ ގައުމުތަކަށް މިމައްސަލަ ކުރިމަތިވާ މިންވަރު އޮތީ އިންތިހާއަށް ބޮޑުވެފައެވެ. އޭގެ ތެރޭގައި ވިލާތުގެ ބައެއް ގައުމުތަކާ، ޖަޕާނު ހިމެނެއެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާ ގައުމުތަކުން ކުރާ ފައިސާގެ މުއާމަލާތްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ކަޅު ބާޒާރެއް އުފެދުމުގެ ބިރުވެރިކަންވެސް ވަނީ އުފެދިފައެވެ.