އެމްޓީސީސީ އިން ދިވެހިންނަށް ހާއްސަ 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި އެކުންފުނީގެ މަސައްކަތްކަތް ކުރިޔަށްދާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރުމަށްޓަކައި ސްކިލްޑް އަދި އަން ސްކިލްޑް މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެގޮތުން ޑްރައިވަރުންނާއި ސުޕަވައިޒަރުން، ވެލްޑަރުން، އެސްކެވޭޓާ ޑްރައިވަރުން އަދި ކައްކާއިންނާއި ކައްކާއިންގެ އެހީތެރިންގެ އިތުރުން ލޭބަރުންގެ ވަޒީފާއަށް މީހުން ބޭނުންވާކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެ ވަޒީފާތައް ޓާގެޓު ކުރަނީ ދިވެހިންނަށް ކަމަށް ވާތީ ވަޒީފާ ބޭނުންވެފައި ތިބި ދިވެހިން ވަޒީފާތަކަށް ކުރިމަތިލާ ރަނގަޅު ހިދުމަތެއް ކޮށްދިނުމަށް އެދޭ ކަމަށެވެ.

އެމްޓީސީސީން އަންނަނީ އއ. ރަސްދޫއިން ފެށިގެން 10 ރަށެއްގައި މަސައްކަތް ކުރަމުންނެވެ. އެ ހުރިހާ ރަށަކަށްވެސް ސުޕަވައިޒަރުންނާއި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާނެ މީހުން އަދި އިންވެންޓްރީ ބަލަހައްޓާނެ މީހުން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކޮންމެ ރަށެއްގައިވެސް 10އާ 13އާ ދެމެދުގެ އަދަދަކަށް ވަޒީފާ އުފައްދަން ނިންމާފައިވާ ކަމަށެވެ. ބައެއް ވަޒީފާތަކަށް މިހާރުވެސް އިއުލާން ކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކުންފުނީގެ ބޭނުމަކީ ބިދޭސީންގެ އަދަދު ކުންފުނިން މަދުކުރުން ކަމަށެވެ. އެގޮތުން މިހާރުވެސް އެކުންފުނީގައި 50 ޕަސެންޓު މުވައްޒަފުންނަކީ ބިދޭސީންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އަދިވެސް އިތުރު 150 ވަޒީފާ އިއުލާން ކުރާނެ ކަމަށެވެ.