2 އަހަރު ކުއްޖާ ރޭޕްކުރި މައްސަަލއިގައި ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކޮށްފިއެވެ.

އެ މައްސަލައިގައި މަންމައާއި ބައްޕަގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕިޖީއަށް ފޮނުވީ މިދިޔަ މަހު 16 ވަނަ ދުވަހުއެވެ. ޕީޖީއިން ބުނީ އެ މައްސަލައިގައި މައިންބަފައިންގެ މައްޗަށް އުފުލާފައި ވަނީ، އިހުމާލުގެ ދެ ދައުވާއެއް ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވާ ކަމަށެވެ.

ހަމައެއާއެކު ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެޤާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާ ހުށަހަޅައިފި ކަމަށެވެ.

2 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ތުހުމަތުމަތު ކުރެވެނީ އެކުއްޖާގެ ބައްޕަ ފަރާތު ކާފަ އާއި މުނި ކާފަގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗށް އޮތް ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހެންދުނު 10:30 ގައެވެ. ނަމަވެސް މައްސަލާގައި ކުޑަކުއްޖަކު ޝާމިލުވާތީ ކޯޓުން އެ މައްސަލަ ގެންދަނީ ކުޑަކުދިންގެ އެހެން މައްސަލަތަކަކޭ ވެސް އެއްފަދައިން ސިއްރު ކޮށްގެންނެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، 62 އަހަރުގެ އިބްރާހީމް ދީދީއާ މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، 82 އަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް، ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދެ އަހަރު ކުއްޖާގެ މައްސަަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕަގެ މައްޗަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ މުނި ކާފައަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އޭނާގެ މައްސަލައެއްގައި ވަނީ ދައުވާ އުފުލާފައެވެ. އަދި މި މައްސަލަ ކޯޓާ ހަމައަށް ގޮސް ވަނީ މަޑުޖެހިފައެވެ.

މި މައްސަލައިގައި ތަހުމަތު ކުރެވޭ ދެވަނަ ފަރާތްކަމަށްވާ ކުއްޖާގެ ކާފަ އަކީ އެ ރަށު މިސްކިތު މުދިމެވެ. އޭނާގެ މުދިންކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ކުއްޖާގެ މާމައަކީ މާލެ ފިޔަވަތީގައި މަސައްކަތް ކުރާ މީހަކަށް ވީ އިރު އޭނާ ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ފިޔަވަތިން ކުއްޖާގެ މާމަ ސަސްޕެންޑްކުރީ ކީއްވެ ކަމެއް އަދި ޖެންޑާއިން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި އެ ކުޑަ ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރު ކޮށްފައެވެ. ވބައްޕަ ހައްޔަރުކޮށްފައިވަނީ އިހުމާލުވުމުގެ ތުހުމަތުގައެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރި ކަމަށް އަދި މިހާތަނަށް ޕީޖީންވެސް އަދި ފުލުހުންވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް 2 އަހަރު ކުއްޖާގެ ބައްޕަ އަކީ މަސްތުވާތަކެތީގެ މައްސަލައިގެ ރިކޯޑް އޮންނަ މީހެކެވެ.