ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނި ފެތުރެން ފަށައިފިނަމަ ވެދާނެ ގޮތަކާ މެދު ކުޑަކުދިންގެ ހާއްސަ ޑޮކްޓްރު ޑރ އަބްދުﷲ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވައިރަސް ފެތުރޭކަމުގެ ހެއްކެއް ފެނިއްޖެނަމަ ދެން އެކިއެކި ހާލަތްތަކުގައި ރައްޔިތުންނަށް ދޭނެ އިރުޝާދުތަށް އަދި އެޅޭނެ ފިޔަވަޅުތަށް ދުރާލާ އެންގުމުން ފައިދާ ކުރާނެ ކަމާ މެދު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެ ވައިރަސް ފެތުރޭ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާ ނިޔާފް ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ރާއްޖެއިން ވައިރަސް ޖެހިފައިވާ އެންމެ މީހަކު ފެނުނު ނަމަވެސް ވާނެ ގޮތްކަމަށް ނިޔާފް ވިދާޅުވެފައި ވަނީ އެ މީހަކާއި ބަލި ފެތުރުމުން ފުރުސަތު އޮތް މިންވަރަށް ކޮންޓެކްޓް ވެފައިވާ ފަރާތްތަށް ހޯދާ، އެސެސް ކުރެވި، އެކަހެރި ކުރެވޭނެ ކަމަށެވެ. އަމިއްލަ ގޭގައި އެކަހެރި ކުރެވޭނެ ބަޔަކާއި ހާއްސަ މަރިކަޒެއްގައި އެކަހެރި ކުރެވޭނެ ބަޔަކު ތިބޭނެ ކަމަށްވެސް ނިޔާފް ވަނީ ވިދާޅުވެފައެވެ.

ގިނަ އާއިލާތަށް ދިރިއުޅޭ އިމާރާތަކުން މީހަކަށް، ނޫނީ މީހުން ތަކަކަށް ކޮވިޑް 19 ޖެހިއްޖެ ނަމަ އެ އިމާރާތުގެ އެ "ފްލޯ" އެއް ނޫނީ އިމާރާތް އެއްކޮށް މީހުން ވަދެ ނިކުމެ އުޅުން "ރެސްޓްރިކް" ކުރެވޭނެ ކަމަށެވެ. އަދި ހަރަކާތްތަށް ހުއްޓުވޭނީ އެބަޔަކު އަމިއްލައަށް ނޫނީ ކަނޑައެޅިފައިވާ އިދާރައެއްގެ ބަޔަކަށް ކަމަށްވެސް ނިޔާފްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެއް އިމާރާތަށްވުރެ ގިނަ އިމާރާތް ހިމެނޭ ސަރަހައްދުތަކުން ވައިރަސް ފެނިއްޖެ ނަމަ ސަރަހައްދެއް ކަނޑައެޅި ބަންދު ކުރެވޭނެއެވެ. ބަންދުކުރެވޭ ސަރަހައްދުގެ ހާލަތަށް ބަލާ، ބޮޑު ނޫނީ ކުޑަ ކުރެވޭނެ ކަމަށެވެ. ބަންދުކުރެވޭ ސަރަހައްދުތަކުގައި ތިބޭ މީހުންގެ އެންމެ ޒަރޫރީ ބޭނުންތަށް ފުއްދުމަށްޓަކައި ބޯފެނާއި ބޭސް އަދި އެހެނިހެން ޒަރޫރީ ބޭނުންތަށް ފޯރުކޮށްދިނުމަށް އިދާރާތަކުން ބަޔަކާއި ހަވާލުކޮށް ވަކި އުސޫލެއްގެ ދަށުން ހަމަޖެއްސުމުގެ އިތުރުން އެ މީހުން ތިބޭ ތަނަކުން ކުނި ނެރުމުގެ އިންތިޒާމްވެސް ހަމަޖައްސަންޖެހޭނެ ކަމަށެވެ.

ބަންދުކުރެވިފައިވާ ސަރަހައްދެއްގައިވާ މީހަކަށް ސިއްހީ އެހެން ބޭނުމަށް ޖެހިއްޖެނަމަ ގުޅާނެ ގޮތަކާއި އެސެސް ކުރެވޭނެ ގޮތަކާއި ފަރުވާދެވޭނެ ގޮތްތަށް ކަނޑައެޅި ހަމަޖައްސާ ވަކި މިންވަރަކަށް ބަލި ފެތުރުމުން (އެކި ގައުމުގައި އެކި މިންގަނޑު) އާންމު ތަންތަން ރައްޔިތުންނަށް ބަންދުކުރެވޭނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ އާންމުން އެއްވެ އުޅޭ ތަންތަނެވެ. ފާކު ތަކާއި އާންމު ދަތުރުފަތުރުކޮށްއުޅޭ ރަންތަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރައްކާތެރިކަމަށްޓަކައި ސްކޫލުތަކާއި ޔުނިވާސިޓީ، އޮފީސް، ކާރުހާނާތައް ވަގުތީގޮތުން ބަންދުކުރާނެ ކަމަށެވެ.

މަސައްކަތުން ގެއަށް އައުން ބަދަލުވެގެން ދާނެ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ކަނޑައެޅޭ ސިއްހީ ހިދުމަތްދޭ ތަންތަން ކޮވިޑް 19 އަށް ހާއްސަކޮށް އެހެނިހެން ފަރާތްތަކާއި މަސްހުނި ނުވާނެހެން ހިންގޭނެ ކަމަށާއި ކޮވިޑް 19 ގެ ހޮޓްލައިނަށް ގުޅާ، އާންމުންނަށް އެނގިފައިވާ ވަކި ސްކްރީން ސެންޓާތަކަށް ޝައްކު ކުރެވޭ އަދި އެސެސް ކުރަން ޖެހޭ ފަރާތްތަށް ދާން ނުވަތަ ގެންދަން ނިންމާނެ ކަމަށެވެ.

އެހެން ސިއްހީ ފަރުވާތަކަށް ކޮވިޑް 19 އާ ގުޅުންހުރި އެއްވެސް ކަމެއް އެތަނުން ނުހިންގާނެ ހޮސްޕިޓަލެއް ނުވަތަ މަރުކަޒު ތަކެއް ކަނޑައެޅޭނެ ކަމަށާއި އިތުބާރު ބޮޑު ގޮތަކަށް އެތަންތަނަށް އެހެނިހެން ސިއްހީ ބޭނުންތަކަށް މީހުން ދާން އެންގޭނެކަމަށެވެ. އެއިން ތަނަކަށް ނޭންގި ނަމަވެސް ވައިރަސް ޖެހިފައިވާ މީހަކު ގޮސްފިނަމަ ފަސޭހައިން ޓެސްޓު ކުރެވި ބަލިއަވަހަށް ދެނެގަނެވޭނެ ކަމަށެވެ. އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަކަށް ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ ވާނެ ކަމަށެވެ. ކޮވިޑް 19 ނުބަލާނެ މަރުކަޒެއް ކަނޑައެޅި އާންމުކޮށް އިއުލާން ކުރެވި އެހެން ބަލިބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ކޮންފިޑެންސާ އެކު ބޭނުންކުރުމަށް ހަމަޖެހޭނެ ކަމަށެވެ.

ވައިރަސް ޖެހި މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން ކުރުމުގައި ރައްކާތެރިވާނެ ގޮތާއި މިންގަނޑު ކަނޑައެޅި އެ މިންވަރުތަކުން ރައްކާތެރިވާނެ ކަން އާންމުންނަށް ޔަގީންކޮށްދެވި އެކަންކަން ރަނގަޅަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ. ވިޔަފާރި ތަކާއި އެ ނޫންވެސް މުއާމަލާތްތަކުގައި ހިންގާ އޮފީސްފަދަ ތަންތަނަށް ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅޭނެ ފިޔަވަޅުތަކުން ކުރާނެ އަސަރުތަކާއި އެ ހާލަތުގައި އެ ފަރާތްތަކާއި އެމީހުންގެ މުވައްޒަފުންނަށް ވާނެ ގޮތްތަކަށް ރައްކާތެރިވެ ގޮތްތަކެއް ކަނޑައެޅޭނެ ކަމަށެވެ.

މުޅި ގައުމުގެ ކުދިބޮޑު ސަރުކާރުގެ ކުންފުނިތަކަށް ލޮޅުމެއް އަތުވެދާނެ ކަމަށް، އެޅެންހުރި ފިޔަވަޅުތަކާއި އަޅަން ހުއްދަވާނެ ފިޔަވަޅު ތަކަކީ ކޮބައިކަން ބެލޭނެ ކަމަށެވެ. ލިބިދާނެ ގެއްލުން ފޫބެއްދޭނެ ގޮތްތަކެއް ހުރިތޯ ބެލޭނެ ކަމަށާއި އެތަކެއް ބައެއްގެ އެކި ބާވަތުގެ ކަންކަމަށް އަސަރު ކުރާނެ ކަމަށް ބެލެވި ނިންމުންތަކެއް ނިންމޭނެ ކަމަށްވެސް ނިޔާފް ވިދާޅުވެފައި ވެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ހެލްތްމިނިސްޓްރީން ބުނެފައި ވަނީ މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް މޮނިޓާ ކުރެވެމުންދާ ކަމަށާއި، އަދި މި ހާލަތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ ހާލަތެއް ކަމަށެވެ. މިހާތަނަށް ފަރުވާއެއް އަދި ވެކްސިން އެއްވެސް ކަނޑައެޅިގެން ހޯދިފައި ނުވާ މި ބައްޔަށް ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ޕޮސިޓިވް ކޭސްތައް ފެންނަމުން ދަނީ ޗައިނާއިނެވެ. ނަމަވެސް މިހާރު ޗައިނާއިން ފެނުނު ޕޮސިޓިވް ކޭސްގެ އަދަދުތަކަށް ވުރެ އެހެން ގައުމުތަކުން ފެނުނު ޖުމްލަ ޕޮސިޓިވް ކޭސްގެ އަދަދު ވަނީ އިތުރުވެފައެވެ. މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 81،263 އަރާފައެވެ. މަރުވި މީހުންގެ ޖުމްލަ އަދަދަކީ 2772 އެވެ.