ކޮރޯނާވައިރަސް (ކޮވިޑް-19) ހަލުވިކަމާއެކު މެދުއިރުމައްޗާ އުތުރު އެފްރިކާ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާ ގުޅިގެން، އުމްރާގެ އަޅުކަން އަދާކުރުމަށް އެދޭ މުސްލިމުންނަށް ސައުދީ އަރަބިއްޔާއިން ދެމުންދިޔަ ވިސާ ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

ކޮވިޑް-19ގެ ނުރައްކާ މެދުއިރުމައްޗާ އުތުރު އެފްރިކާ ސަރަހައްދަށް އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ސައުދީއިން ވަނީ ވައިރަސް ފެތުރިފައިވާ ގައުމުތަކުން އަންނަ ފަރާތްތަކަށް ޓޫރިސްޓް ވިސާ ނުދިނުމަށްވެސް ނިންމާފައެވެ.

ސައުދީގެ ހާރިޖީ ވުޒާރާއާއި ހަވާލާދީ އަރަބި މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިސާ ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވަނީ މަދީނާގައި ހުންނަ މަސްޖިދު އަލް-ނަބަވީއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތަކަށެވެ.

އުމްރާގެ އަޅުކަމަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް އަދާކުރެވޭ އަޅުކަމެކެވެ. ކުރިއަށް އޮތް މާޗް މަހަކީ ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ސައުދީއަށް ދަތުރުކުރާ ދުވަސްވަރެކެވެ. ނަމަވެސް މިދަނޑިވަޅަކީ މެދުއިރުމަތީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްކަމުން، މެދުއިރުމަތީގެ ގައުމުތަކުންދަނީ ސަރަހައްދީ އިން ހުރަސްކުރުމާ، ވައިގެ މަގުން ބޯޑަރު ހުރަސްކުރުމުގައި ބިދޭސީ ފަސެންޖަރުންނަށް އިންތިހާއަށް ފާރަވެރިވަމުންނެވެ.

ސައުދީގެ މި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.