ތޫނިސްގައި އަލަށް އެކުލަވާލަފައިވާ ކޯލިޝަން ސަރުކާރުގެ މައްޗަށް އިތުރުބާރު އެބައޮތް ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅައިފިއެވެ.

ތޫނިސްގެ ކޯލިޝަން ސަރުކާރުގެ މައްޗަށް އިތުބާރު އެބައޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ވޯޓުގައި އާ ކޯލިޝަން ސަރުކާރާ އެއްކޮޅަށް 129 މެމްބަރަކު ވޯޓު ދެއްވިއިރު، ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވީ 77 މެމްބަރެކެވެ.

ބޮޑުވަޒީރު އިލްޔާޒް ފަޚްފަޚްއާއި ވަޒީރުންގެ ޓީމުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމުގެ ކުރިން، ތޫނިސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވަނީ 14 ގަޑިއިރަށް ދެމިގެންދިޔަ ބަހުސެއް ކުރައްވާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ނިންމުމާއެކު، ތޫނިސްގެ ނުތަނަވަސް މަސްރަހަށް މިވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ސިޔާސީ ގޮތުން އެތައް މަހަކަށް ދިގުލައި ގޮސްފައިވާ އޮތް ހައިޖާނުތަކަށް ހައްލެއް ލިބިދާނެ ކަމުގެ ފެހި ސިގުނަލަކަށް މިކަންވެފައިވާއިރު، ނުގެނެވި ލަސްވެފައިވާ އިގުތިސޯދީ އިސްލާހީ ބަދަލުތަކަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ތޫނިސްގެ ކޯލިޝަން ސަރުކާރާ އެއްކޮޅަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ދީފައި މިވަނީ، ސަރުކާރާ އެއްކޮޅަށް ވޯޓުދިނުމަށް ގާނޫނު ހަދާ މަޖިލީސް ފެއިލްވެއްޖެނަމަ އެ މަޖިލިސް އުވާލެއްވުން އެކަށީގެންވާކަމުގެ އިންޒާރެއް، ތޫނިސްގެ ރައީސް ކާއިސް ސައީދު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.