މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން އުފެދުނު ކޮރޯނާވައިރަސް (ކޮވިޑް-19) އަކީ މުޅި ދުނިޔެއަށް ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވާއިރު، މިފަދަ ހާލަތެއްގައި އެމެރިކާއަށް އެ ބަލިމަޑުކަން ފެތުރިއްޖެނަމަ އެމެރިކާ ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ އެގައުމުގެ ނައިބު ރައީސް މައިކް ޕެންސް ކަމަށް، ރައީސް ޑޮނާލްޑް ޓްރަމްޕް ހަމަޖައްސަވައިފިއެވެ.

ވައިޓް ހައުސްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕެންސްއާއި ޓްރަމްޕް ވަނީ ކޮވިޑް-19ގެ ނުރައްކާ، އެމެރިކާއަށް ވަރަށް ކުޑަ ކަމަށް ވިދާޅުވެފައެވެ.

ވެކްސިންއެއް އުފެއްދުމުގެ މަސައްކަތުގައި ލެބެއްގައި ޓެކްނީޝަނަކު ހަރަކާތްތެރިވަނީ/ފޮޓޯ: ބީބީސީ

ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އެމެރިކާއިން މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 60 ކޭހެކެވެ. ޓްރަމްޕާ ޕެންސްގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމާއެކުގައި ހެންވެސް އެމެރިކާއިންވަނީ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާ އޮތީ ކޮވިޑް-19އަށް އިންތިހާއަށް ތައްޔާރުވެފައި ކަމަށާ، ދިރާސާ ކުރާ ފަރާތްތަކުން ވެކްސިން އުފެއްދުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރަމުން އަންނަ ކަމަށެވެ.

ކަންމިހެން އޮތްއިރު އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑައިރެކްޓަރު އެންތަނޯ ފޯސީ ވިދާޅުވީ، އެންމެ އަވަހަށްވެސް ވެކްސިންއެއް ލިބޭވަރު ވާނީ ދޮޅު އަހަރެއްހާ ދުވަސް ފަހުން ކަމަށެވެ.