16 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ފިރެހެނަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރޭ ދަންވަރު 12:32 ހާއިރު ފުލުހުންނަަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން މިއަދު، ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ބަނގަލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ބިދޭސީން ޖިންސީގޯނާ ކުރާ މައްސަލަތަށް އިތުރުވެފައިވާއިރު މިމަހުގެ 13 ވަނަ ދުވަހު ވަނީ ބަރަހަނާއަށް ހުރި ބިދޭސީއަކު އަންހެނެއްގެ ގެއަށްވެދެ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި އެމީހާ ހައްޔަރު ކޮށްފައެވެ.

އަދި މިމަހުގެ 12 ވަނަ ދުވަހު ވަނީ ބިދޭސީ ފިރިހެނަކު ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ވަނީ ޖިންސީ ގޯނާކޮށްފައެވެ. އަދި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށްވެސް ޖިންސީ ގޯނާކުރި ޒުވާނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުންވެސް މިދިޔަ މަހު 31 ވަނަ ދުވަހު އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.