އެ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމް "މިޝަން: އިމްޕޮސިބަލް 7"ގެ ޝޫޓިންގް ކެންސަލްކޮށްފިއެވެ.

ޕެރަމައުންޓް ޕިކްޗާޒްއިން މި ފިލްމުގެ ޝޫޓިންގްތައް މި ވަގުތަށް ކެންސަލްކޮށްފައި ވަނީ، ފިލްމުގެ މަންޒަރުތައް ނަގަން ރާވާފައިވާ އިޓަލީވިލާތުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅަދާނަ ބަތޮލް ޓޮމް ކުރޫޒްގެ އެކްޓިންގް ފެނިގެންދާ ފިލްމް "މިޝަން: އިމްޕޮސިބަލް 7"ގެ ޝޫޓިންގް، ކޮވިޑް-19ގެ ސަބަބުން ކެންސަލްކުރަންޖެހުނީ، އާންމު އެއްވުންތައް ނު ބޭއްވުމަށް އިޓަލީވިލާތުގެ ސަރުކާރުން އިއުލާންކުރުމުގެ ސަބަބުން ކަމަށްވެސް ޕެރަމައުންޓް އިން ވަނީ ބުނެފައެވެ.

ކެންސަލްކޮށްފައިވަނީ ޝޫޓިންގްގެ ފުރަތަމަ ލެގްގެ މަސައްކަތްތައް ކަމަށާ، އެއީ ވެނިސްގައި 3 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ޚަބަރު ލިބެއެވެ. ޕެރަމައުންޓްއިން ބުނާ ގޮތުގައި އެއީ ފިލްމުގެ މުހިންމު ޝޫޓިންގްތަކެކެވެ. ނަމަވެސް ކާސްޓްއާއި ކުރޫގެ ސަލާމަތާ ރައްކާތެރި ކަމަށް ބަލާ، ވެނިސްގެ ޝޫޓިންގްތައް ކެންސަލްކޮށްލީ ކަމަށް ޕެރަމައުންޓްއިން ވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމް "ނޯ ޓައިމް ޓު ޑައި"ގެ ޕްރޮމޯޝަނަލް ޓުއާތައްވެސް ކޮވިޑް-19ގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ. ހޮލީވުޑްގެ އެންމެ ބޮޑު އެއް މާކެޓަށް ޗައިނާވެފައިވާއިރު، ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމުގެ ޗައިނާ ޓުއާ ކެންސަލްކޮށްފައިވާއިރު، މި ރޯގާގެ އަސަރު ފިލްމީ ސިނާއަތުގެ އިތުރު އުފެއްދުންތަކަށް ކުރާނެ ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.