2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ ރޭހުގައި ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭނަށް ހާއްސަކޮށްގެން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ސައުދީ އަރަބިއްޔާއިން ގައިރު ގާނޫނީ ގޮތެއްގައި އެތައް މިލިއަން ޑޮލަރެއް ފޯރުކޮށްދީފައިވާކަމަށް، ގަވައިދާ ހިލާފަށް ކެމްޕޭނަށް ފަންޑުކުރި ކަމުގެ ތުހުމަތުތަކެއް އެމެރިކާގެ އަދުލު އިންސާފާ ބެހޭ ވުޒާރާއިން އެމީހަކާ ދެކޮޅަށް ފެންމަތިކޮށްފައިވާ ލުބްނާން-އެމެރިކާ ދަރިކޮޅުގެ ވިޔަފާރިވެރިޔާ އަހުމަދު 'އެންޑީ' ޚަވާޖާ ހާމަކޮށްފިއެވެ.

ޚަވާޖާ މިކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ސްޕެކްޓޭޓާ މެގަޒިންއަށް ދިން ބަސްދީގަތުމެއްގައެވެ.

އޮންލައިން ޕޭމަންޓް ޕްރޮސެސް ކުރާ ކުންފުންޏެއް ކަމަށްވާ 'އެލައިޑް ވޮލެޓް'ގެ ސީއީއޯކަން ކުރަމުން އަންނަ ޚަވާޖާ ބުނީ ޔޫއޭއީގެ އޮފިޝަލުން ގައިރު ގާނޫނީ ގޮތެއްގައި ޓްރަމްޕްގެ ކެމްޕޭނަށް ފަންޑުކޮށްދީފައިވަނީ ޝަހްސު އޮޅުވާލައިގެންނާ، ގިފްޓް ކާޑުގެ ގޮތުގައެވެ. އެގޮތުން 200 ޑޮލަރަށްވުރެ ދަށް އަގުތަކުގައި ގިފްޓް ކާޑުތައް ތައްޔާރުކޮށްގެން ޓްރަމްޕްގެ ކެމްޕޭނަށް އެތައް މިލިއަން ޑޮލަރެއް ފަންޑުކޮށްދީފައިވާއިރު، 200 ޑޮލަރަށްވުރެ ދަށުން ކެމްޕޭންތަކަށް ކުރާ ހަދިޔާ ލިސްޓުކުރުމަށް ކެމްޕޭންތަކާ ބެހޭ އެމެރިކާގެ ކޮމިޝަނުން ލާޒިމެއް ނުކުރެއެވެ.

ޚަވާޖާއަކީވެސް ގައިރު ގާނޫނީ ގޮތެއްގައި ހިލަރީ ކްލިންޓަންގެ ކެމްޕޭނަށް 3.5 މިލިއަން ޑޮލަރު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ބެދި، އެ ދައުވާތަކަށް ފިލައިގެން އުޅޭ މީހެކެވެ.

ސްޕެކްޓޭޓާ މެގަޒިންއަށް ދިން ބަސްދީގަތުމުގައި ޚަވާޖާ ވަނީ ގަވައިދާ ހިލާފަށް ޓްރަމްޕްގެ ކެމްޕޭނަށް ފައިސާ ފޯރުކޮށްދިނުމަށް ޕޭމަންޓް ޕޯޓަލްއެއް ހޯދުމަށް މީހަކު އޭނާ ގާތަށް އައި ކަމަށާ، އެ ފައިސާއަކީ ސައުދީ އަރަބިއްޔާ މެދުވެރިކޮށް ޓްރަމްޕްގެ ކެމްޕޭނަށް ފޯރުކޮށްދޭ ފައިސާ ކަން އެނގޭ ކަމަށް ބުނެފައެވެ. މި ފައިސާ ފޮނުވުމުގައި މެޝިންތަކާ، ޓްރާންސެކްޝަން ހެދުމުގައި ހަރަކާތްތެރިވާން އޮތީ ޔޫއޭއީގެ އޮފިޝަލުން ކަމަށްވެސް ޚަވާޖާ ވަނީ ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ)، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (ވ)އާއި ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބައްދަލުކުރައްވަނީ/ފައިލްފޮޓޯ: އޭޕީ

ޔޫއޭއީއާއި ޓްރަމްޕް ޑީލް ހައްދަވާފައި އޮތީ އިންތިހާބުވެވަޑައިގެންފި ނަމަ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް ވަރުގަދަ ކުރުމަށް ކަމަށް އެމީހަކު ޚަވާޖާ ގާތު ބުނި ކަމަށްވެއެވެ. އެމީހަކީ ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކެއްވެސް އެމީހަކާ ދެކޮޅަށް ފެންމަތިވެފައިވާ ޖޯޖް ނެޑާއެވެ. ޓްރަމްޕްގެ މި ޑީލްއަކީ އީރާނުގެ ތެލުގެ ސިނާއަތް އިނދަޖައްސާލުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާ، އެކަމުގެ ފައިދާ އޮތީ ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތަށެވެ.

ޓްރަމްޕްގެ ވެރިކަމުގައި ކަންވެގެންދިޔައީވެސް އެފަދައިންނެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، އެމެރިކާއިންވަނީ އީރާނުގެ ސުލްހައިގެ އެއްބަސްވުމުން ވަކިވެ، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށާފައެވެ.

ޚަވާޖާގެ ތުހުމަތުތަކަށް އޭނާ އެއްވެސް ހެއްކެއް ދައްކާފައި ނުވާއިރު، މި ތުހުމަތުތަކަށް އެއްޗެއް ބުނުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންކާރުކޮށްފައެވެ.