އިސްތިރާޖީ ގޮތުން ހައްސާސީ ސަރަހައްދެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ހުޅަނގު އައްސޭރީގެ ސަރަހައްދު (އީ1-ޒޯން)ގައި ގަވައިދާ ހިލާފަށް އަޅަން ނިންމާފައިވާ 3500 ހައުސިންގް ޔުނިޓްގެ މަޝްރޫއާއިގެން ކުރިއަށްދާނެ ކަމަށް އިސްރާއީލުގެ ޚުދުމުޚުތާރު ޔަހޫދީ ލީޑަރު ބެންޖަމީން ނަތަންޔާހޫ އިއުލާންކޮށްފިއެވެ.

ނަތަންޔާހޫ މިފަދަ މަޝްރޫއަކައިގެން ކުރިއަށްދާނެ ކަން އިއުލާންކޮށްފައިވާ މިދަނޑިވަޅަކީ އިސްރާއީލުގެ އާންމު އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެކެވެ. މީގެ ހަފުތާއެއްހާ ދުވަސްފަހުން އިސްރާއީލުގައި ކުރިއަށް ގެންދާ އެގައުމުގެ އާންމު އިންތިހާބަކީ، ފާއިތުވީ 12 ވަރަކަށް މަސްދުވަހުގެ ތެރޭގައި އިސްރާއީލުގައި ކުރިއަށް ގެންދާ މިފަދަ 3 ވަނަ އިންތިހާބެވެ. މީގެ ކުރިން އޮތް 2 އިންތިހާބުގައިވެސް ސަރުކާރެއް އެކުލަވާލުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތައް އޮތީ ނުކުޅެދިފައެވެ.

އެހެންކަމުން، ގައިރު ގާނޫނީ އާބާދުތައް ކުރިއަށް ގެންދާނެ ކަމަށް ނަތަންޔާހޫ ވި ވައުދަކީ، އިސްރާއީލުގެ އިންތިހާބުގައި ނަތަންޔާހޫއަށް ކާމިޔާބު ހޯދުމަށް ކުޅޭ އެންމެ ފަހު ކުޅިގަނޑުގެ ބައެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

އިސްރާއީލުން ގައިރު ގާނޫނީ ޔަހޫދީ އާބާދުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އީ1 ޒޯން/ފޮޓޯ: އަމާރު އަވާދު

އީ1-ޒޯންގައި ޔަހޫދީން އާބާދު ކުރުމަށް އަޅާ ހައުސިންގް ޔުނިޓްތަކުގެ މަޝްރޫއަކީ 6-7 ވަރަކަށް އަހަރަށް ލަސްވެފައި އޮތް މަޝްރޫއެއްކަން ނަތަންޔާހޫ ވަނީ ފާހަގަކޮށްފައެވެ.

ނަތަންޔާހޫގެ މި އިއުލާނާ ގުޅިގެން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ، މި އިއުލާނަކީ "ރަތް ރޮނުގު"ގެ ހުރިހާ އިމެއް ފަހަނައަޅާ ގޮސްފައިވާ އިއުލާނެއް ކަމަށާ، ބައިނަލްއަގުވާމީ މުޖުމަތައުން މިކަމާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ވަކާލާތު ކުރާ ފަރާތްތަކުންވެސް ވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ މި އިއުލާނާއެކު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ނިންމުމަކީ، ވަކިވެފައިވާ މިނިވަން ދެ ދައުލަތުގެ ގޮތުގައި ފަލަސްތީނާ އިސްރާއީލު އުފެދިގެން އައުމުގެ ރޫހާ ހިލާފު ކަމެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.