ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ޗައިނާގެ ވޫހާން ސިޓީގެ ސީފުޑް ބާޒަރަކުން އުފެދުނު ކަމަށްވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) މިހާރު ވަނީ މެދުއިރުމައްޗާ އުތުރު އެފްރިކާގެ ގައުމުތަކަށްވެސް ފޯރާފައެވެ. ފެބުރުވަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މެދުއިރުމައްޗާ އުތުރު އެފްރިކާ (މީނާ) ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު އެ ސަރަހައްދުން 9 ގައުމަކުން މި ވައިރަސް ފެނިގެން މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޗައިނާއިން ބޭރުން މި ވައިރަހުގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް މެދުއިރުމަތީގައި އޮތް އީރާނުންނެވެ. ކޮވިޑް-19 ޖެހިގެން އީރާނުން މަރުވި މީހުންގެ އަދަދު 1 ހަފުތާ ތެރޭގައި ވަނީ 15 އަށް އަރާފައެވެ. މިއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް ވަނީ އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް އީރާނާ ސަރަހައްދީ އިން ހިއްސާކުރާ ގިނަ ގައުމުތަކަކުން ވަނީ ތައްޔާރީ ހާލަތަށް އައިސްފަ/ފޮޓޯ: ޑަބްލިއުޕީ

ކޮވިޑް-19ގެ އަސަރުކުރާ ކޮންމެ 5 މީހެއްގެ ތެރެއިން 4 މީހެއްގެ ހަށިގަނޑުން އަސަރުތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ބަލީގެ ނުރައްކާ ބޮޑުވަޒީރު އިތުރު ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނާ، ދޮށީ އުމުރުގެ މީހުންނަށެވެ.

މީނާ ސަރަހައްދުގެ ގައުމުތަކުން ދަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް ތަޖުރިބާކާރުން ދަނީ މިފަދަ ކަމެއް ކުރުމަށް މީނާ ސަރަހައްދަށް ގާބިލުކަން ލިބިފައިވާ މިންވަރަކާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ. މެދުއިރުމައްޗާ އުތުރު އެފްރިކާ ސަރަހައްދަކީ ހަނގުރާމަތަކާ ހަމަނުޖެހުންތަކުގެ ސަބަބުން މިހާރުވެސް ބޮޑެތި ކާރިސާތަކެއް އުފެދިފައިވާ ސަރަހައްދެކެވެ. އިންތިހާ ފަގީރު ކަންވެސް އެވަރެވެ. ނަތީޖާއަކަށް ވެފައިވަނީ ސިއްހީ ފަރުވާގެ އެކަށީގެންވާ ނިޒާމެއް ގާއިމުވެފައި ނެތުމެވެ. މެދުއިރުމައްޗާ އުތުރު އެފްރިކާގެ ގައުމުތަކުގައި ސިއްހީ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް އީރާނާ ސަރަހައްދީ އިން ހިއްސާކުރާ ގިނަ ގައުމުތަކަކުން ވަނީ ތައްޔާރީ ހާލަތަށް އައިސްފަ/ފޮޓޯ: ޚަލީޖު ޓައިމްސް

ކޮވިޑް-19 ފެނިގެން މެދުއިރުމައްޗާ އުތުރު އެފްރިކާ ސަރަހައްދުން އެންމެ ފުރަތަމަ ރިޕޯޓްކުރީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން، މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން، މިސްރާ އީރާނު އަދި ލުބްނާނުންނެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައިވާކަމަށް ކުވައިތު، ބަހްރައިން، އިރާގު އަދި އޮމާން އިން ރިޕޯޓްކުރީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި ހުރިހާ އެންމެނަކީވެސް އީރާނަށް ދަތުރުކޮށްފައިވާ މީހުންކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. އެހެންކަމުން މީނާ ސަރަހައްދުގައި ކޮވިޑް-19ގެ 'މަރުކަޒަކީ' އީރާނު ކަމަށް ބުނެވިދާނެއެވެ.

ކުރިއަށް އޮތް ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ދުވަސްވަރެކެވެ. ކަންމިހެން އޮތްއިރު ސައުދީއިން ވަނީ އީރާނު މަގުން އަންނަ އެއްވެސް މީހަކަށް ސައުދީއަށް ނުވަދެވޭ ގޮތް ހަދާފައެވެ. ސައުދީ އަރަބިއްޔާއިން ކޮވިޑް-19 އަދި ފެނިފައެއް ނުވެއެވެ. ނަމަވެސް ކުވައިތުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސައުދީ ރައްޔިތަކު ހިމެނެއެވެ. އެމީހަކީވެސް އީރާނަށް ދަތުރުކުރި މީހެއް ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް އީރާނުން ދަނީ ގިނަ އަދަދަކަށް ޖަމާވާ ތަންތަން ޑިސްއިންފެކްޓް ކުރަމުން/ފޮޓޯ: ފްރާންސް 24

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ވައިރަސް ކޮންޓްރޯލް ކުރުމުގެ ނަމުގައި އީރާނަށް ބޯޑަރު ބަންދުކޮށް، ވައިގެ މަގުން އަންނަ ފަސެންޖަރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަކީ އެކަމުގައި މާ ބޮޑު ފައިދާ އެއް އޮތް ކަމެއް ނޫނެވެ. ޑަބްލިއު.އެޗް.އޯއިން ބުނާ ގޮތުގައި މުހިންމީ ބޯޑަރު ބަންދުކުރުމެއް ނޫނެވެ. މުހިންމީ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ބަލި 'އިމްޕޯޓްކުރުން' ހުއްޓުމަކަށް ގެނައުމެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް މެދުއިރުމަތީގައި އާންމުންދަނީ ފަރުދީ ފެންވަރުގައި ސަލާމަތީ ފިޔަވަޅުތައް އަޅަމުން/ފޮޓޯ: ސީބީސީ

މެދުއިރުމަތީގެ މަސްރަހަށް ބަލާއިރު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ބަލީގެ މައުލޫމާތު އާންމު ކުރުމަކީ ދެފުށް ފެންނަ، ވީހާވެސް ހާމަކަން ބޮޑު ގޮތަކަށް ހުރިހާ ގައުމަކުންވެސް އަމަލުތައް ބެހެއްޓުމެވެ. ބަލީގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު، ހުރިހާ އެންމެނަށްވެސް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ކަންމިހެން އޮތްއިރު، އީރާނުގައި ކޮވިޑް-19 ފެތުރިގެން ދިޔައީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވާހަކަތަކެއް ސިއްރު ކުރުމުން ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.