ދުނިޔެގޭ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ އަސަރު އީރާނުން ފެނި، ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުންތައް އުފެދިފައިވަނިކޮށް، އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް އެ ރޯގާއަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވެއްޖެއެވެ.
އީރާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 95 އަށް އަރާފައެވެ. ކަންމިހެން އޮތްއިރު، ހަގީގީ އަދަދުތައް މިއަށްވުރެވެސް އިތުރުވުން އެކަށީގެންވާކަމަށް މުރާސިލުން ބުނެއެވެ.
ކޮވިޑް-19ގެ އަސަރުކޮށްގެން އީރާނުން މަރުވި މީހުންގެ އަދަދު މިހާރު 15 އަށް އަރާފައިވާއިރު، އެ ގައުމުގެ ސިއްހީ މަސްރަހު އޮތް ގޮތް ބަޔާންކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކުން މައުލޫމާތުތަކެއް ސިއްރު ކުރަމުންދާ ކަމަށް ބުނެ އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް އީރާނުން ދަނީ އިންކާރު ކުރަމުންނެވެ.
ނުރަސްމީކޮށް ލިބެމުންދާ މައުލުމާތަށް ބަލާއިރު ގޯމް ސިޓީއިން އެކަނިވެސް 50 މީހެއްގެ ފުރާނަ ވަނީ މި ބަލީގައި ގެއްލިފައެވެ. ނަމަވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުންވަނީ ހަގީގަތް އޮޅުވާލަން މަސައްކަތް ނުކުރާ ކަމަށް ބުނެފައެވެ.
އީރާނަކީ ޝީއީންގެ މެދުގައި މަގުބޫލު މަންޒިލަކަށްވާއިރު، ފާއިތުވީ ހަފުތާތަކުގައި އީރާނަށް ޒިޔާރަތްކޮށް މިހާރު އީރާނުން ނިކުމެފައިވާ ޝީއީންގެ ފަރާތުން އެހެން މީހުންނަށް މި ވައިރަހުގެ އަސަރު ފޯރާފައިވުން އެކަށީގެންވާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އީރާނުގައި ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، އިރާނާ ސަރަހައްދީ އިން ހިއްސާކުރާ ގައުމުތަކުން ވަނީ އީރާނު މަގުން އަންނަ ފަރާތްތަކަށް އެ ގައުމުތަކުން ހުޅުވާލި ދޮރޯށިތައް ބަންދުކޮށްފައެވެ. ބައެއް ގައުމުތަކުންވަނީ އީރާނަށް ދަތުރު ނުކުރުމަށްވެސް އެގައުމުތަކުގެ ރައްޔިތުންނަށް އަންގާފައެވެ.
ކޮވިޑް-19ގެ ކޭސްތައް ފެނުން ދުނިޔޭގެ ނިސްބަތުން ހިސާބަކަށް މަޑުޖެހިފައި އޮތުމަށްފަހު، އަނެއްކާވެސް ބަލި ފެތުރުމުގެ އޮއެވަރެއް ފެށިފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވަނީ މަސްރަހު މިހާރު ބަދަލުވެފައިވާ ގޮތުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާ ބަލި މަޑުކަމަކަށް ނުވަތަ ޕެންޑަމިކްއަކަށް ވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވަނީ އިންޒާރު ކޮށްފައެވެ.