ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށްޓަކައި އަތޮޅު މޮޑިއުލް ގެ ނަމުގައި އިމިގްރޭޝަނުން މިއަދު ވިއުގައެއް ތައާރަފްކޮށްފިއެވެ.

މިވިއުގަ ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއެވެ.

"އަތޮޅު މޮޑިއުލް" އަކީ އަތޮޅު ކައުންސިލާ، ރަށު ކައުންސިލް، އަދި ކަމާއިގުޅުންހުރި ތަންފީޒީ އިދާރާތަކާއި ގުޅިގެން ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ވިއުގައެކެވެ. އަދި މިއީ އެބޭފުޅުންގެ މަސައްކަތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ވިއުގައެއް ކަމުން، މިކަމުން ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމުގައި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމްގްރޭޝަނުން ބުނީ މި ވިއުގައަކީ ރާއްޖޭގައި މަސައްކަތް ކުރާ އަދި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް އިމިގްރޭޝަނުން ފަރުމާކޮށްފައިވާ ވިއުގައެއް ކަމަށެވެ. އަދި މި ވިއުގަ ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކަށް ދެނެގަނެވޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން ދާ ބިދޭސީން، އެއް ރަށުން އަނެއް ރަށަށް ހިޖުރަ ކުރާއިރު އެމީހުންގެ ހަރަކާތްތައް ފުރިހަމައަށް އެނގިގެން ދާނެކަމަށާއި، އަދި ބިދޭސީންގެ ސައްހަ މައުލޫމާތު ހިމެނޭގޮތަށް ރަށްވެހި ބިދޭސީ އާބާދީ ބެލެހެއްޓޭނެ ކަމަށްވެސް އިމްގްރޭޝަނުން ބުނެއެވެ. އަދިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންނަކީ ރާއްޖޭގައި ހުރުމުގެ ހުއްދައާ އެއްގޮތަށް ނުވަތަ ހުއްދައާ ޚިލާފަށްއުޅޭ ބިދޭސީންކަން، މިމަޢުލޫމާތުގެ އަލީގައި ދެނެގަނެވޭނެ ކަމަށްވެސް އިމްިގްރޭޝަނުން ބުނެއެވެ.

އިމްގްރޭޝަނުން ބުނީ މިވިއުގަ އިތުރަށް ފުރިހަމަވެގެން ދަނީ، އިމިގްރޭޝަންގައި ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ނިޒާމުތަކާއި ގުޅިފައިވާ ވިއުގައެއްކަމުގައި ވުމާއި، އަދި އަދާހަމަ މަޢުލޫމާތު ހިނދުން ހިނދަށް ލިބޭނޭ ނިޒާމެއް ކަމުގައި ވުމުން ކަމަށެވެ. އަދި މިހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މިއަހަރުގެ ޖޫން މަހުން ފެށިގެން މިވިއުގައަށް ބަޔޯމެޓްރިކްސްގެ ގާބިލްކަން އިތުރުކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އަދި އެއާއެކު ބަޔޯމެޓްރިކްސް ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ޝަހުސު ދެނެގަނެވޭނެކަމަށާއި، މިގޮތުން އިނގިލީގެ ނިޝާން ބޭނުންކޮށްގެން ބިދޭސީ މީހާގެ ޝަހުސު ދެނެގަނެވި، އަދި ރާއްޖޭގައި ހުރުމަށް އެފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެތަފްސީލް ޔަޤީންކުރެވޭނެކަމަށް އިމްގްރޭޝަނުން ބުނެއެވެ. އަދި ހަމަމިއާއެކު، މޫނުގެ ސިފު ބޭނުންކޮށްގެން، ސްމާޓް ފޯނު މެދުވެރިކޮށް ބިދޭސީ މީހާގެ ޝަހުސު އަދިރާއްޖޭގެ ހުރުމަށް އެފަރާތަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލް ބެލެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.