ދުނިޔޭގެ 7 އަޖައިބުގެ ތެރޭގައި ހިމެނޭ "ތާޖު މަހަލް"އަކީ އިންޑިއާގެ ނަލަ އަދި މުއްސަނދި ސަގާފަތުގެ ރަމްޒެއް ކަމަށާ، އެއީ އެތައް ޒަމާނަކަށް ދެމިގެންދާނެ ހެއްކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"ތާޖު މަހަލް" އާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް މިފަދަ ވާހަކަފުޅުތަކެއް ދައްކަވާ އިންޑިއާއަށް ތައުރީފުކުރައްވާފައި މިވަނީ، ދެދުވަހުގެ މުއްދަތަށް އިންޑިއާއަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، "ތާޖު މަހަލް" ބައްލަވާލެއްވުމަށް ފަހުގައެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އިންޑިއާއަށް ވަޑައިގެންނެވި ޓްރަމްޕް "ތާޖު މަހަލް" ބައްލަވާލެއްވީ އަނބިކަނބަލުން މެލާނިއާ ޓްރަމްޕްގެ އިތުރުން ދަރިކަނބަލުން އިވާންކާ ޓްރަމްޕް އަދި ދަނބިދަރި ޖެރާޑް ކުޝްނާއާއިވެސް އެކުގައެވެ.

މިއީ "ތާޖު މަހަލް"އަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަން ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޓްރަމްޕްގެ އާއިލާ އިންޑިއާއިން ފުރާވަޑައިގަންނަވާނީ އިންޑިއާ ގަޑިން މިރޭ 10:00 ހާއިރު ކަމަށް ޚަބަރު ލިބެއެވެ.