ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުގައި އެކި ފަރާތްތަކާ ހަވާލުކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ޖުމްލަ 87 މައްސަލަ ހުށަހެޅި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިއަދު ބުނީ މިނިވަން 50 އާ ގުޅޭ ގޮތުން ހުށަހެޅި ގިނަ މައްސަލަތަކުގެ ތެރެއިން 48 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް 39 މައްސަލައެއްގެ ތަހުގީގު ކުރިއަށް ދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މިނިވަން 50، ގެ ގިނަ މައްސަލަތަކެއް އޭސީސީން ބަލަމުން އަންނަ އިރު އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަން ރުފިޔާ ހަރަދުކުރީ ގަވާއިދާ ހިލާފަށެވެ. މިނިވަން 50 ގެ ހަރަކާތްތަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ބީލަމަށް ނުލައި ފިނޭންސްގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ އާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މާލިއްޔަތު ގާނޫނާ ހިލާފަށް އަދި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހާއްސަ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު އެ ރިޕޯޓު އާއްމުކޮށްފައިވާއިރު އޭގެ ތެރޭގައި މާލޭގައި ކުލަބޮކި ދިއްލަން ބޭނުންވާ ޕެނަލް ހަރުކުރުމަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުމާއި ހެވިކަމާއި ކުޅިވަރުގެ ދިއްލުންތަކާއި އަޑަށް ބޭނުންވާ ތަކެތި ކުއްޔަށް ގެނެސް، ގަލޮޅު ދަނޑުގައި އިންސްޓޯލް ކުރުމަށް 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުން ހިމެނެއެވެ.
އަދި މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ކުލަބޮކި ދިއްލައި ޒީނަތްތެރި ކުރުމަށް 9.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ކުޅިވަރު އީދުގެ މިއުޒިކް ޝޯ އަށް، 2.7 މިލިޔަން ރުފިޔާ އަދި މި ހަރަކާތްތައް ލައިވް ކުރުމަށް ޕީއެސްއެމަށް ބޭނުންވާ އެކި ސާމާނު ގަތުމަށް 5.2 މިލިއަން ރުފިޔާ ހަަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް އެ އޮޑިޓާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.