ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފީ 75 ނުކުތާއެއް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ 75 ނުކުތާއެއް ހުށަހަޅާފައި ވަނީ، އެމަނިކުފާނުގެ މައްޗަށޤ މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ، އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅުމާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމުގައި، ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން، ރައީސް ޔާމީންގެ ވަކީލުންނަށް ތަފްސީލު ކޮށްދެވިފައި ވަނީ 10 ނުކުތާއެކެވެ.

ޖުމްލަ 101 ސޮފްހާ ހިމެނޭ 75 ނުކުތާ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުމަށް ނިންމާފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި ހުށަހަޅާފައި ވަނީ އޭގެ ތެރެއިން 25 ސޮފްހާއެވެ. މިއަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުގެ ސަބަބުން އަޑުއެހުން ނިންމާލާފައިވާއިރު، މިއަދު ހުށަނޭޅި ހުރި ނުކުތާތައް ދެން އަންނަ އަޑުއެހުމެއްގައި ހުށަހެޅުމަށް އިސް ފަނޑިޔާރު ހުސެއިން މަޒީދު ވަނީ އެދިލައްވާފައެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ބައެއް ނުކުތާތައް

  • ތަފާތު ކުރުމުގެ ތެރެއިން އުފުލާފައިވާ ދައުވާއަކުން ކުށް ސާބިތުކޮށްފައިވުން
  • ގާނޫނާ ހިލާފަށް ކޮށްފައިވާ ތަހުގީގެއްގެ ތެރެއިން އުފުލި ދައުވާއަކުން ކުށް ސާބިތުކޮށްފައިވުން
  • އިބްތިދާއީ މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ތާވަލުނުކޮށް، އެއްކޮށް ކުރިއަށް ގެންގޮސްފައިވުން
  • ރާއްޖޭގެ ލީގަލް ޓެންޑަރަކީ ދިވެހި ރުފިޔާއަށްވީއިރު، ޖޫރިމަނާގެ ގޮތުގައި ޔޫއެސް ޑޮލަރު ދައްކަން ހުކުމް ކޮށްފައިވުން
  • ހުކުމް ކޮށްފައި ވަނީ ކޮން ކުށެއްގައިކަން ސާފުވެ، ކުށުން ބަރީއަވުމަށް ދޭންޖެހޭ ވަގުތު ނުދިނުން
  • ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސްދީފައިވާއިރު، އެކަމަށް ރިއާޔަތް ކޮށްފައި ނުވުން
  • މައްސަލަ ނިންމިއިރު، ދީފާއުން ދެއްކި ވާހަކަތަކަށް ޝަރީއަތުން ރިއާޔަތް ކޮށްފައި ނުވުން
  • ހެކިން ހުށަހެޅި ސަބަބުނޫން އެހެނިހެން ސަބަބުތައް ސާބިތު ކުރުމަށް ދައުލަތުން ހެކިން ބޭނުން ކޮށްފައިވުން
  • އިބްތިދާއީ މަރުހަލާގައި ދިފާއަށް ލިބެންޖެހޭ ބައެއް ލިއެކިއުންތައް ހިއްސާނުކޮށް އެ މަރުހަލާ ނިންމާފައިވުން
  • ކުށްކުރިތަނާއި ވަގުތު އެނގެން އޮންނަން ޖެހޭ ކަމަށް ގާނޫނުގައި ބުނާއިރު، އެކަން ދައުލަތަށް ބުނެދެވިފައި ނުވުން
  • ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ގއ. ވޮޑަމުއްލާގެ ފައިސާކަން އެނގޭނެ ހެއްކެއް ނެތުން
  • އެކްސްކްރޯ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމަކަށްވާއިރު، ކުށުގެ އުންސުރު ފުރިހަމަ ކުރުމަށް އެ އެއްބަސްވުން ބޭނުން ކޮށްފައިވުންހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސް ގާޒީގެ މަސްލަހަތު ފުށުން އެރުން އޮތުން
  • މައްސަލަ ބެލި ގާޒީންގެ މަޖިލީހަކީ ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ މަޖިލީހަކަށްވުން
  • ކޮށްފައިވާ ދައުވާއަކީ ކޮބާކަން ސާބިތުނުވުން
  • އެސްއޯއެފަކީ ސައްހަ ވިޔަފާރި ހިންގާ ކުންފުންޏަކަށްވާއިރު، އެ ކުންފުންޏަށް ވަންނަ ހުރިހާ ފައިސާއަކީ ކުށް ކޮށްގެން ހޯދައިފައިވާ ފައިސާ ނޫން ކަމަށް ވިސްނާނެ ފުރުސަތު އޮތްއިރު، އެކަމަށް ރިއާޔަތް ކޮށްފައި ނެތުން
  • ކުށުގެ ބައިވެރިންގެ ހެކިބަސް ނެގުމަކީ މަނާ ހާލަތެއް ކަމުގައިި ވާއިރު، ދައުލަތުގެ ބައެއް ހެކިވެރިންނަކީ ކުށުގެ ބައިވެރިިން ކަމުގައި ވުން
  • ދައުލަތުގެ ބައެއް ހެކިވެރިންގެ ހެކިބަހުގައި ކޮންސިސްޓެންސީ ނެތުން

އިސްތިއުނާފީ ގިނަ ނުކުތަތަކެއް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ހިންގި ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާފައިވާކަން ފާހަގަކޮށްފައެެވެ. އެގޮތުން ޒިޔަތާއި އަދީބަކީ ކުށުގެ ބައިވެރިންނަށްވާއިރު، އެއީ ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުން މަނާ ހާލަތެއްކަން ވަކީލުން ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، އަދީބާއި ޒިޔަތު ހެކިބަސް ދިނުމުގައި އެމީހުންނަށް އޭގެ ސަބަބުން މަންފާ ލިބޭނެ ގޮތްތައް ހުރި ކަމަށެވެ. އަދި އެ ދެ މީހުންގެ ބަޔާނާއި ހެކިބަހުގައި ފުށުއެރުންތައް ހުރި ކަމަށާއި، މި ދެ މީހުންގެ ހެކިބަހުގައި އެއްވެސް ކޮންސިސްޓެންސީއެއް ނެތް ކަމަށް ވަކީލުން ވިދާޅުވިއެވެ. ވަކީލުން ވިދާޅުވީ، އަދީބާއި ޒިޔަތަކީ އަދުލުވެރި ހެކިވެރިން ނޫން ކަމަށާއި، އެ ދެ މީހުންގެ ހިތުގައި ވެސް ރައީސް ޔާމީނާމެދު ހަސަދަވެރިކަން އޮންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ބެއިލާމެދު ނިންމި ނިންމުން ރިވިއު ކުރާކަށް ނުފެނުނު!

މިއަދު ބޭއްވި އަޑުއެހުމުގައި ރިޔާސަތުން ބުނީ، ރައީސް ޔާމީނަށް ބެއިލް ދިނުމާމެދު މިމަހު 6 ވަނަ ދުވަހު ނިންމި ނިންމުން ރިވިއު ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ސިޓީ އަކުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، މި ނިންމުން ރިވިއު ކުރާނެ ގާނޫނީ ސަބަބެއް ނުފެންން ކަމަށް ރިޔާސަތުން ބުނެއެވެ.

މި މައްސަލާގެ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔަރު ހުސެއިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒު ހުންނަވާއިރު، އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މާޗް މަހު 3 ވަނަ ދުވަހު ކަމަށް ރިޔާސަތުން ބުނެއެވެ. ރިޔާސަތުން ބުނީ، އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތަތައް ހުށަހަޅާ ނިންމަން ވާނެ ކަމަށެވެ. އަދި އެއަށްފަހު މާޗް 5 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭނެ ކަމަށް ރިޔާސަތުން ބުނެއެވެ.