ރިސޯޓަކަށް ޖައްސަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއްގެ ބުރަފަތި ނެއްޓިއްޖެއެވެ.

މި ހާދިސާ ހިނގީ ޅ. ކުރެއްދޫއަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ވައިގަދަވުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން ފެންނަ ގޮތުގައި އެ ބޯޓުގެ ބުރަފަތި އެއްކޮށް ވަނީ ނެއްޓިފައެވެ.

ބޯޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ޓީއެމްއޭގެ ޓެކްނިކަން ޓީމުން މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް ގޮސްފައެވެ. އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޓީއެމްއޭ ބޯޓެއްގެ ބުރަފަތި ނެއްޓުނުއިރު އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލުގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ހާދިސާއެއް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ހިނގާފައިވެއެވެ. އެ ހާދިސާ ހިނގިއިރު ފްލައިޓުގައި ދެ ކްރޫއިން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.