ބައެއް މީހުން ދެކޭ ގޮތުގައި އަނިޔާ އަނިޔާއަކަށް ވަނީ ހަށިގަނޑަށް ތަދުވާ ގޮތަށް ކަމެއް ކުރުމުންނެވެ. ނުވަތަ ޒަހަމްތަކެއް ހަށިގަނޑުގެ ބޭރު ފުށުން ފެންނަން ހުރުމުންނެވެ. ދުލުން ބޭރުކޮށްލާ ބަހަކުންވެސް މީހެއްގެ ހިތަށާއި ސިކުނޑިއަށް އެތައް އަނިޔާއެއް ދެވިދާނެ ކަމީ ބައެއް މީހުން ގަބޫލުކުރާ ކަމެއް ނޫނެވެ. އަދި ގިނަ ބަޔަކު ޖިންސީ ގޯނާއަކީ މައްސަލައެއް ކަމަށް ދެކޭ މިންވަރަށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލައި ނުގަންނަ ކަމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

ނުދަންނަ މީހަކު އެއްޗެއް ބުނެގެން އަޅާނުލާ ހުރެވުނަސް ކޮންމެ ދުވަހަކު ބައްދަލުވާ މީހަކު ނުވަތަ ކުއްޖަކަށް، އިތުބާރު ހިފޭ ކަހަލަ މަގާމެއްގައި ހުރި މީހަކު އެފަދަ އަމަލެއް ހިންގައިފި ނަމަ ކުއްޖަކަށް ވާނެ ގޮތް އަންދާޒާ ކޮށްލެވޭ ހެއްޔެވެ. އެފަދަ ކަމަކީ ސްކޫލެއްގައި އުޅޭ ޓީޗަރެއްގެ ފަރާތުން ދިމާވާ ކަމެއް ކަމުގައި ވާނަމަ އެކަމުން ކުއްޖާގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނޫންހެއްޔެވެ.

މެދު ރާއްޖެތެރޭގެ ސްކޫލެއްގައި ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުން ދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް އެ ސްކޫލްގެ ލީޑިންގް ޓީޗަރެއްގެ މަގާމުގައި ހުރި ފިރިހެނަކު ވަނީ ކުއްޖާއާ މުހާތަބުކޮށް ބޭއަދަބީ ވާހަކަތަކެއް ދައްކާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މެދު ރާއްޖެތެރޭގެ ގާތްގަނަޑަކަށް 1000 މީހުންގެ އާބާދީއެއް އޮތް ރަށެއްގައެވެ. 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އޮތީ އެ ސްކޫލުގައި ލީޑިންގް ޓީޗަރެއްގެ މަގާމުގައި ހުރި މެދު އުމުރުގެ ފިރިހެނެއްގެ މައްޗަށެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަމަށް ދައްކުވައިދޭ ޕޯސްޓަރެއް

ހެކިބަސް ބަދަލުކުރަން ދަރިވަރަށް ގުޅައިގެން ވާހަކަ ދައްކާ އޯޑިއޯއެއް!

"ވަރަށް ރަނގަޅު ދެންވެސް މިކަހަލަ ވާހަކައެއް. މިބުނީދޯ ބަޔާނެއް އެއްޗެއް ނަގާތަނުން. 'ކުއްޖާ' ކައިރީ ބުނެގެން އޭތި ހަމަ ދޫކޮށްލާ ގޮތަކަށް ދޯ. ވަރަށް ހަމަ އާދޭހާއެކު ދެފައިގައި ދޫލާފައި މިބުނަނީ. ހެޔޮ ނުވާނެ. ދެން އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ގޮތަކަށް އެކުއްޖާ ބަޔާން ދިނީމަ. އެ (ޓީޗަރު) ކީ އެއްޗިސް ނުކިޔާ ގޮތަކަށް އަނެކަތި ކޮށްފިއްޔާ ކަންނޭނގެ ބޮޑަށް ރަނގަޅުވާނީ."
ހެކިބަސް ބަދަލުކުރަން އެދި ވާހަކަ ދެއްކި މެދު އުމުރުގެ އަންހެންމީހާ

2019 ވަނަ އަހަރު އެރަށު ސްކޫލުގެ ގުރޭޑް 9 ގައި ތައުލީމު ހާސިލު ކުރަމުން ދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް މި ޓީޗަރު ޖިންސީ ފުރައްސާރަ ކުރި ވާހަކައަކީ އެ ރަށުގެ އެތައް ބަޔަކަށް އެނގޭ ވާހަކައެކެވެ. ހަމައެއާއެކު އެ ޓީޗަރުގެ އާއިލާއިން ކުއްޖާއަށާއި ކުއްޖާގެ މަންމައަށް ގުޅައިގެން ހެކިބަސް ބަދަލުކުރަން މަސައްކަތް ކުރި ވާހަކަވެސް ރަށުގެ ބައެއް މީހުނަށް އެނގެއެވެ. އެ ދެމެދުގައި ކުރެވުނު ފޯނުކޯލުގެ ރެކޯޑިންއެއް ވަނީ 'ދަ ޕްރެސް' އަށް ލިބިފައެވެ.

އޯޑިއޯގައި ކުއްޖާގެ މަންމައަށް ގުޅައިގެން ކުއްޖާގެ ބަޔާން ނެގީތޯ އެފަރާތުން ސުވާލުކުރެއެވެ. އެ ޓީޗަރުގެ އާއިލާގެ ފަރާތުން ގުޅައިގެން ވާހަކަ ދައްކަނީ މެދު އުމުރުގެ އަންހެންނަކާއި އަދި އުމުރުން ދުވަސްވީ އަންހެނެއްކަން އަޑުން ފާހަގަވެއެވެ.

ކުއްޖާގެ މަންމަ ގާތު މައްސަލަ ޖެއްސީ ކާކުތޯ އަހާ އެ މައްސަލަ އޮއްބާލުމަށް އެދި އެފަރާތުން އާދޭސް ކުރެއެވެ. މި ކަމަށް ރައްދު ދެމުން ކުއްޖާގެ މަންމަ ބުނީ އެ މައްސަލަ ޖެއްސީ އޭނާ ނޫން ކަމަށާއި މައްސަލަ ޖެއްސި ފަރާތް ނޭނގޭ ކަމަށެވެ. އަދި އޭނާއާ ސުވާލުކުރުމުން ކުއްޖާ ކިޔައިދިން ވާހަކަތަކުގެ އިތުރު އެއްވެސް އެއްޗެއް ކިޔައި ނުދޭކަމަށް މަންމަ ބުނެއެވެ.

"ސޯ ކީ އެއްޗިސް ކިޔައިދީފާނަން. ފުރަތަމަ ކިއީ ރިސޯޓަށް ދާ ވާހަކަ. އައްސު ހާދަ ރީއްޗޯ. ތިމަންނައަށް ހުވަފެނުންވެސް ފެންނަނީއޭ، މޫނު ހާދަ ރީއްޗޭ ދޮނޭ ދޯ ކިޔާފަ ތުންފަތްވެސް އެހާ ރީއްޗޭ ކިޔާފަ. ދެން ސޯ އެހީ ކުއްޖަކު ނާހާހޭ ރައްޓެހިވާކަށްވެސް އަސްލު ތި އުމުރުގައި ރައްޓެހިވާނޭ ދޯ ކުދިންކުދިންނާވެސްދޯ. ދެން ހުރެފަ އެހީ ބަނޑުބޮޑުވާއެތި ދޯ. ބައޮލޮޖީގައި ނުކިޔަވާހޭ ބަނޑުބޮޑުވާ ގޮތާ. އަސްލު ތި އުމުރުގައި މީހުންނާވެސް އިންނާނެ ދަރިންވެސް ހޯދާނޭ"
15 އަހަރުގެ ކުއްޖާ

އެއަށްފަހު އެ އަންހެންމީހާ ވަނީ އެ ކޯލުގައި ހުރެ ކުއްޖާއާ ވެސް ވާހަކަ ދައްކާފައެވެ. އަދި ކުއްޖާ ގާތު ދޮގު ނުހަދާ އެ ޓީޗަރު ކިއި އެއްޗެހި އޮޅުން ފިލުވާފައި ވެއެވެ.

ކުއްޖާ ބުނީ، އަތިރިމަތީގައި ސްކޫލުގެ އިވެންޓެއް އޮތް ދުވަހަކު އެދަރިވަރު އެކަނި ހުއްޓާ ވާހަކަ ދައްކަން އެ ޓީޗަރު އައި ކަމަށެވެ. ވާހަކަ ދައްކަމުން ޓީޗަރު ވަރަށް ތައުރީފު ކުރިކަމަށާއި އެކުއްޖާގެ ތުންފަތް ރީތި ކަަމަށް ބުނިކަމަށެވެ. އަދި ހުވަފެނުން ކުއްޖާ ފެންނަ ކަމަށް ޓީޗަރު ބުނި ކަމަށްވެސް ކުއްޖާ ބުނެއެވެ.

މީގެ އިތުރުން ރައްޓެހިވާން ކުދިން ނާހާތޯ އާއި ބައޮލޮޖީގައި ދަރިން ހޯދާގޮތާ މެދު ޓީޗަރު ވާހަކަ ދައްކާފައިވާ ކަމަށްވެސް ކުއްޖާ ބުނެއެވެ.

މި ހުރިހާ ވާހަކަތަކެއް ހިއްސާ ކުރުމުން ކުއްޖާއާ ވާހަކަ ދެއްކި އުމުރުން ދުވަސްވީ އަންހެން މީހާ ވަނީ "ތުންފަތް ވަރަށް ރީއްޗޭ، ހުވަފެނުން ފެންނަނީއޭ" ބުނި ވާހަކަތައް ކިޔައި ނުދިނުމަށް އެދި އާދޭސް ކޮށްފައެވެ. ތަކުރާރުކޮށް އެފަރާތުން ކުއްޖާ ގާތު އާދޭސް ކުރުމަށް ފަހު "ދައިތަ" ގުޅައިގެން ވާހަކަ ދެއްކި ވާހަކަ ނުބުނުމަށް ބުނެއެވެ.

މި މައްސަލައިގައި ކުއްޖާ ބޭނުންވާ ގޮތް އޮޅުން ފިލުވަން އެފަރާތުން ސުވާލު ކުރުމުން ޖަވާބުގައި ކުއްޖާ ބުނީ "ދެން ނޭނގެ ދޯ" މިހެންނެވެ.

"ދައިތަ ބުންޏޭ ނުބުނާތި އެއްވެސް މީހެއް ކައިރީ. ކޮންމެސް ތިޔަ ތަންކޮޅު އެދުވަހުން (ބަޔާން ނަގާ ދުވަހު) ނުބުނެދޭތި، ބުނެފިއްޔަކާ ނުލިބޭނެ. އެއަށް އަންނާނެ 25ގެ ޖަލު ހުކުމެއް. ތަ ދެން މަމިހެން ކިޔޭވެސް ނުކިޔާތި މީހެއް ކައިރީ ނަމަނަމަ އިނގޭ ދަރިފުޅާ. ކުލާސް ކުއްޖެއް ކައިރީވެސް ޓީޗަރެއް ކައިރީވެސް އިނގޭ. ދައިތަމެންނަށް ވެވެން އޮތް އެހީއެއް ތަމެންނަށް ވެދޭނަން."
ކުއްޖާގެ ހެކިބަސް ބަދަލުކުރަން އެދި ވާހަަކަ ދައްކާ އުމުރުން ދުވަސްވީ އަންހެނެއް

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، މި ދަރިވަރަށް ގުޅައި، ވީޑިއޯ ކޯލު ކުރުމަށް ވެސް އެ ޓީޗަރު ވަނީ ދައުވަތު ދީފައި ކަމަށެވެ. އަދި މި މައްސަލަ ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އެމީހާ ބުނެއެވެ. އަދި އެ ޓީޗަރަކީ މީގެ ކުރިންވެސް އޭނާ މަސައްކަތް ކުރި އެކި ސްކޫލުތަކުގެ ދަރިވަރުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑު އޮންނަ ފަރާތެއް ކަމަށް އެފަރާތުން ބުނެއެވެ.

ޓީޗަރަކީ ޖިންސީ ފުރައްސާރަ އަދި ކުދިންނަށް އަނިޔާކުރުމުގެ ރެކޯޑު އޮތް މީހެއް!

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ އަކީ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި، އަނިޔާ ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ. މިކަމާ އެ ރަށުގެ ސްކޫލޫގެ އެތައް ބެލެނިވެރިންނެއް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އެޑިއުކޭޝަން މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީވެސް ފޮނުވާފައެވެ.

އެ ރަށު މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މީގެ ކުރިންވެސް އެ ޓީޗަރުގެ އެކި މައްސަލަަތައް ރިޕޯޓު ކޮށްފައިވާ ކަން ރަށުގެ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. ކޮންމެ ފަހަރަކުވެސް މައްސަލަ ބެލުމަށް ފަހު ފުލުހުން ޕީޖީއާ ހަމައަށް ފޮނުވާފައި ދެން އެ މައްސަލަ އޮއްބާލަނީ ކަމަށް އެފަރާތުން ބުނެއެވެ. ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން ސަލާމަތް ވަނީ ކަމަށް އޭނާ ބުނެއެވެ.

ކުއްޖަކަށް މުދައްރިސެއް ފަތިގަނޑަކުން ޖަހާ އަނިޔާ ކުރާތަން ދައްކުވައިދޭ ޕޯސްޓަރެއް

2017 ވަނަ އަހަރު އެ ރަށު ސްކޫލުގެ ކުލާހެއްގެ ތެރޭގައި ތިބި ކުދިން ތަކަކަށް އެ ތީޗަރު ލާއިންސާނީ އަނިޔާކޮށް، ކުދިންނަށް ބިރުދެއްކި ކަމަށް ވެއެވެ. އެގޮތުން ދަރިވަރުން ގައިގައި ތަޅައި އެތައް އަނިޔާއެއް ދީފައި ވާކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށް އެ ރަށުގެ ބައެއް ބެލެނިވެރިން ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވި ސީޓީގައި ބުނެފައި ވެއެވެ.

ހަމައެއާއެކު 2000 ގެ އަހަރުތަކުގެ ކުރީކޮޅު، އެރަށު ސްކޫލުގައި ތައުލީމް ހާސިލު ކުރަމުން ދިޔަ ދަރިވަރެއްގެ "އުރަމަތީގައި" ހިފައި، ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށް ވެސް އެ ސީޓިގައި ވެއެވެ. އަދި ވަޅިއަކުން އަންހެން ދަރިވަރެއްގެ "އުރަމަތި ކަނޑާލަން" ދޭށޭ ކިޔައި، ފުރައްސާރަ ކޮށްފައިވެސް ވާކަމަށް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

މީގެ އިތުރުން މިފަދަ މައްސަލަތައް ނުބަލައި، ޕާޓީ ފިކުރައްޓަކައި މައްސަލަ އޮއްބާލަން މަސައްކަތް ކުރުމަކީ އެ ސްކޫލުގެ ބެލެނިވެރިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

މުއައްސަސާތަކުގެ ބަސް!

މި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ، މި މައްސަލައަކީ މިދިޔަ އަހަރު ރިޕޯޓު ކޮށްފައިވާ މައްސަލައެއް ކަަމަށެވެ. މީގެ އިތުރުން ޖެންޑާއިން އިތުރު ތަފްސީލެއް ނުދިނެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުން ބުނީ މައްސަަލަ ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން އެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައިގައި އެ ޓީޗަރާ މެދު އެޑިއުކޭޝަނުން އެޅީ ކޮން ފިޔަވަޅެއްކަން، އެމިނިސްޓްރީން "ހަނު ހުރުމުން" ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރު ފެށުމުން ކުއްޖާ ވަނީ މާލެއަށް ބަދަލުވެ މާލޭގެ ސްކޫލަކަށް ކިޔަވަން ދާން ފަށާފައެވެ. ކުއްޖާއަށް ރަށުތެރެއިން އެތައް ބަޔަކު ސުވާލުކޮށް އެކަމާ ވާހަކަ ދައްކާ އެކަމުގެ ތެދު ދޮގާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ސުވާލުކޮށްފައި ވެއެވެ. އަދި ކެނޑިނޭޅި އެ ޓީޗަރުގެ އާއިލާއިން އެ މައްސަލަަ ބޮޑު ނުވާނެ ގޮތަކަށް ނިންމަން މަސައްކަތް ކޮށްފައިވާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. މި ކަމަކީ އެރަށުގެ އެތައް ބަޔަަކަށް އެނގޭ ކަމެކެވެ.

2 އަހަރުގެ ކުޑަ ކުއްޖާޔަށް ރޭޕް ކުރިމައްސަލާގައި އާމުން ގެ މުޒާހަރާ / ފޮޓޯ: ހަސަން އަތޫފް \ ދަ ޕްރެސް

ރާއްޖޭގައި ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓުކުރާ ވަރު ގިނަވެފައި ވީ ނަމަވެސް ޖިންސީ ފުރައްސާރައިގެ މައްސަލަަތައް ރިޕޯޓު ކުރާ އަދަދު މަދުކަން ފާހަގަ ކޮށްލެވެއެވެ. ގިނަ ފަހަރު މިފަދަ މައްސަލަތައް ރިޕޯޓު ކުރުމުން ގިނަ ބައެއްގެ އިނގިލި ދިއްކުރަނީ އެކަމުގެ ޝިކާރައަކަށް ވާ ކުއްޖާއާ ދިމާއަށެވެ. "ކަންކަން މާ ބޮޑު ކޮށްލައިގެން ވާހަކަ ދައްކަނީއޭ" ނުވަތަ "މީހަކު ބަދުނާމު ކުރަން ތިއަށް ވުރެ ބޮޑު ދޮގެއް ހަދަން ނުކެރުނީހޭ" މީހުން އަހާ ހަދައެވެ.

މިފަދަ މައްސަލަތަކުގައި ކުށް ސާބިތުވެ ޖިންސީ ފުރައްސާރަ ކުރާ މީހާއަށް އަދަބު ނުލިބޭތީ، ދެން ގިނަ ބަޔަކު އެކަމުން ސަލާމަތްވާން އެއްރަށުން އަނެއް ރަށަށް ހިޖުރަ ކުރާނީޢެވެ. ނުަވަތަ "ހައްޕު" ކިޔައިގެން ތިބޭނީއެވެ. އެހިސާބުން އެ މައްސަލައިގައި ޝިކާރައަކަށް ވީ ކުއްޖާއަށް ކުރާނެ އަސަރާ މެދު އެކަކުވެސް ވިސްނާ ނުލައެވެ. އެފަދަ ފުރައްސާރައެއް ކުރަނީ ފިރިހެނެއް ކަމުގައި ވަނީ ނަމަ ކުއްޖާއަށް އެހެން ފިރިހެނުންނަށް އިތުބާރު ކުރަން އުނދަގޫވެ އަމިއްލަ ދިފާއުގައި ތެދުވަން ފަސްޖެހި ބިރުވެރިކަމެއްގެ ތެރޭގައި ބަނދެވިގެން ދެއެވެ.

މި މައްސަލަ އެރަށު ސްކޫލުން އެޑިއުކޭޝަނަށާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އަދިވެސް މި މައްސަލައާ މެދު ވަކި ގޮތަކަށް ފިޔަވަޅު ނޭޅި ލަސްވެފައިވާ ކަމަކީ މިފަދަ ކުށްކުރާ މީހުންނަށް ދެވޭ ހިތްވަރެއް ނޫން ހެއްޔެވެ.