އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްވިޒަލޭންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މިފަހަރުގެ ބައްދަލުވުމުގައި 80 ގައުމެއްގެ މަންދޫބުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން އިންސާނީ ހައްގުތަކާއި ގުޅޭ ކަންކަމުގައި މަޝްވަރާ ކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަގުރީރު ކުރައްވާއިރު އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި އދ. ހިއުމަން ރައިޓްސް ކޮމިޝަނާ މިޝޭލް ބެޗެލެޓް އާއި ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކުގައި ބައެއް ގައުމުތަކުގެ އިސްވެރިންނާއި ޖަމިއްޔާތަކުގެ ބޭފުޅުންނާއިވެސް މިނިސްޓަރު ބައްދަލުކުރައްވާނެއެވެ.

ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުމަށް އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާ ނިންމުންތައް ނިންމޭ މަޖްލީހެވެ.