ޗައިނާގައި އުފެދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އީރާނުން ޕޮޒިޓިވްވި މީހުންގެ އަދަދު 40 އަށްވުރެ މައްޗަށް އަރާ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 8 އަށް އަރާފައިވާއިރު، އަވަށްޓެރި ގައުމުތަކުން އީރާނާއެކު ހިއްސާކުރަމުންދިޔަ ސަރަހައްދީ އިމުގެ ދޮރޯށިތައް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި ބަންދުކޮށްފިއެވެ.

އީރާނާއެކު ސަރަހައްދީ އިން ހިއްސާކުރާ ގައުމުތަކުގެ ތެރެއިން ތުރުކީވިލާތް، ޕާކިސްތާނު، އަފްގާނިސްތާނު އަދި އަރުމީނިއާއިންވަނީ އެއްގަމު މަގުން އީރާނު ހުރަސްކޮށް އެ ގައުމުތަކަށް އެތެރެ ނުވެވޭނެ ގޮތަށް ހަމަޖައްސާފައެވެ. އަދި ވައިގެ މަގުން އީރާނުން އަންނަ ފްލައިޓްތައްވެސް ބައެއް ގައުމުތަކުން ވަނީ ކެންސަލްކޮށްފައެވެ.

ކޮވިޑް-19 ފެނިގެން އީރާނުން އެންމެ ފުރަތަމަ ރިޕޯޓްކުރީ ހުސްވި ހަފުތާގެ ބުދަ ދުވަހުއެވެ. އޭގެ ފަހުން ހަލުވިކަމާއެކު އެގައުމުގައި އެ ވައިރަސް ފެތުރެމުންދާއިރު، ލުބްނާނާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިންވަނީ އީރާނު މަގުން އެގައުމުތަކަށް ދަތުރުކުރި ފަރާތްތަކުގެ ތެރޭގައިވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބިކަން ހާމަކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން ޗައިނާއިން ބޭރުން، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް ބަޔަކު މަރުވެފައިވަނީވެސް އީރާނުންނެވެ.

ކޮވިޑް-19އަށް ހާއްސަކޮށްގެން ހިދުމަތް ދިނުމަށް 200އަށްވުރެ ގިނަ ހޮސްޕިޓަލު ހަމަޖެއްސިކަމުގައި ވީ ނަމަވެސް، އީރާނުގައި ސިއްހީ ހިދުމަތްދޭ އޮފިޝަލުން ދަނީ އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރު ފެއިލްވެފައިވާކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކިއެކި ފަރާތްތަކުން އީރާނުގެ ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކަށްވެސް އެގައުމުން ދަނީ ރައްދު ދެމުންނެވެ. ކޮވިޑް-19އާއި ގުޅިގެން އީރާނުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު ސަރުކާރުގެ ތަރުޖަމާނު ޢަލީ ރަބީއީ ވިދާޅުވީ، ކޮވިޑް-19އާއި ގުޅިގެން އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މަސައްކަތްކޮށްފައިވަނީ ތެދުވެރިކަމާއެކު، ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. ކަންމިހެން އޮތްއިރު، އީރާނުގެ ސިއްހަތާ ބެހޭ ވަޒީރު ސައީދު ނަމާކީ ވިދާޅުވީ، ކޮވިޑް-19އާއި ގުޅިގެން އީރާނުގެ ސަރުކާރުން ހަރަކާތްތެރިވެފައިވަނީ، ބަލިމަޑުކަން ފެތުރުނަ ނުދީ ކޮންޓްރޯލްކުރެވޭ ގޮތަކަށް ކަމަށާ، އެކަން ކޮށްފައިވަނީ ގަދަރުވެރި ރޫހެއްގައި ކަމަށެވެ.

ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ރީޖަނަލް އޮފީސް ފޮ އީސްޓަން މެޑިޓަރޭނިއަންގެ އޮފިޝަލު ޑރ ޢަބްދުއްނާސިރު އަބޫބަކަރު ވަނީ، ކޮވިޑް-19އާއި ގުޅިގެން އީރާނުން އަޅާނެ ފިޔަވަޅުތަކަށް އިތުބާރުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ. ކަންމިހެން އޮތް ނަމަވެސް، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި އެމެރިކާއިން އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އީރާނަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގައި ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސް އޮފިޝަލަކު ވަނީ ފާހަގަކުރައްވާފައެވެ.