ސޯޝަލް މީޑިއާއަކީ ހަމަ ކޮންމެ ފަދަ ކަމެއްވެސް ވައިގައި ހިފާފާނެ ޕްލެޓްފޯމެއް ކަމީ، މިއަދު އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ހަގީގަތެއް ނޫނެވެ. މިފަހަރު ވައިރަލްވެގެން މިއުޅެނީވެސް އާދައިގެ، އެހެންނަމަވެސް އާދަޔާ ހިލާފު ޓްރެންޑެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމަށް 10 ވަރަކަށް މިނެޓަށް އަރާލިއަސް "މޫންސެލްފީ"އަކާ ލައްވާނުލާ ސަލާމަތް ނުވެއެވެ.

"މޫންސެލްފީ" އަކީ ކޮބާ؟

މިއީ އެއްވެސް ހާލެއްގައި އާދަޔާ ހިލާފަށް ބޮޑު ހަނދަކާއެކު ނަގާ ސެލްފީއެއް ނޫނެވެ. މޫން ސެލްފީ އަކީ ފާހާނާގައި ބޭނުންކުރާ ޒާތުގެ ޓިޝޫ ރޯލުގެ މެދުގައި އޮންނަ ބޯކަރުދާސް ހޮޅިގަނޑު ތެރެއިން ނަގާ ސެލްފީއެކެވެ. މި ގޮތަށް މޫން ސެލްފީ ނެގުމަށްޓަކައި ބޯކަރުދާސް ހޮޅިގަނޑުގެ އެއްކޮޅު މޫނާ ދިމާކުރުމަށްފަހު، އަނެއްކޮޅުގައި ފޯނުގެ ސެލްފީ ކެމެރާ ޖައްސަގެން ފޮޓޯ ނަގާނީއެވެ. ރަނގަޅަށް ފޮޓޯ ނެގިއްޖެނަމަ އުޑުމަތި ސާފު ރެއެއްގައި ފެންނަ ފުރިހަމަ ހަނދެއްގެ ބައްޓަމަށް އެމީހެއްގެ މޫނު، ފެންނަން ހުންނާނެއެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ "މޫންސެލްފީ"/ފޮޓޯ/ސޯޝަލް މީޑިއާ

މިއީ މީގެ އަހުތަކެއް ކުރިން ތައާރަފުވި ސެލްފީއެއް ނަމަވެސް، މި ދުވަސްވަރަކީ އަނެއްކާވެސް "މޫންސެލްފީ"ގެ ދުވަސްވަރަކަށް މިއޮތީ ވެފައެވެ. މޫން ސެލްފީ އެންމެ ގިނައިން ފެންނަނީ އިންސްޓަގްރާމް ޕްލެޓްފޯމުންނެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ބަލާއިރު މި އަވާގައި ނުޖެހޭ ޖިންސެއް ނެތެވެ. އުމުރެއް ނެތެވެ. ނުވިތަނަކަށް ޖަނާވަރުގެ މޫނު ފެންނަ "މޫންސެލްފީ"ތައްވެސް ދައުރުވަމުންދަނީ މަދެއްކޮށެއް ނޫނެވެ. ހުރިހާ މަނާއެއްގައި ބަލާލިކަމުގައި ވީ ނަމަވެސް މޫނުގެ ސެލްފީއެއް ނެގުމަށް "މޫންސެލްފީ" ވަރެއް މިދުވަސްވަރު ހަމަ ނެތީއެވެ!