އިނގިރޭސި ޝާހީ އާއިލާގެ މަގާމުތަކާ ލަގަބުތައް ދޫކޮށް، އަންހެނުންނާ ދަރިފުޅާއެކު ކެނެޑާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޕްރިންސް ހެރީ، އޭނާގެ މާމާފުޅު ނުވަތަ އިނގިރޭސިވިލާތުގެ ރާނީއަށް ބަހުގެ ވަރުގަދަ ހަމަލާއެއް ދީފިއެވެ.

ޝާހީ އާއިލާގެ މަގާމުތަކާ ލަގަބުތައް ދޫކޮށްލި މައްސަލާގައި ރާނީއާއި ހެރީގެ ގުޅުންތައް އިންތިހާއަށް ހީނަރުވެފައިވަނިކޮށް ރާނީ ވަނީ، ހެރީގެ ދެމަފިރިންގެ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ބޭނުން ކުރަމުން އަންނަ "ސަސެކްސް ރޯޔަލް" ބްރޭންޑް ބޭނުން ނުކުރަން ހެރީއަށް އަމުރުކޮށްފައެވެ.

ހެރީވަނީ މި އަމުރަށް ކިޔަމަން ވާނެ ކަމަށާ، މިއަހަރުގެ ބަހާރު މޫސުމުން ފެށިގެން އެ ދެމަފިރިންވެސް "ސަސެކްސް ރޯޔަލް" ބްރޭންޑް ބޭނުން ނުކުރާނެ ކަމަށް ބުނެފައެވެ. ކަންމިހެން އޮތް ނަމަވެސް، ހެރީ އެ ނިންމުން ނިންމީ ބަހުގެ ވަރުގަދަ ހަމަލާއަކާވެސް އެކުގައެވެ. އެގޮތުން "ރޯޔަލް" ނުވަތަ "ޝާހީ" މި ލަފުޒަކީ ރާނީ މާމާފުޅަށް މިލްކުވެގެންވާ ލަގަބެއް ނޫންކަމަށް ހެރީއާއި މޭގަން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ އަމީރު ހެރީ (ކ)އާއި ބޭބޭފުޅު އަމީރު ވިލިއަމްސްގެ އާއިލާއާއި މެދު ދެބަސްވުންތަކެއް އުފެދުނު ކަމަށް އަޑު ފެތުރުނު/ފޮޓޯ: ސްކްރީންރޭންޓް

އެދެމަފިރިން ގުޅިގެން ހިންގާ ވެބްސައިޓް މެދުވެރިކޮށް އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ "ރޯޔަލް" މި ލަފުޒަކީ އިނގިރޭސިވިލާތުގެ ޝާހީ ހާންދާނާ ކެބިނެޓް އޮފީހަށް ހާއްސަ ލަފުޒެއް ނޫންކަމަށްވެސް ބުނެފައެވެ. އަދި އިނގިރޭސިވިލާތުން ބޭރުގައި އެ ލަފުޒު ބޭނުން ކުރުން މަނާކުރުމުގެ އިހުތިސޯސެއް އިސްވެ ދެންނެވި ފަރާތްތަކަށް ލިބިފައި ނުވާކަމަށްވެސް ހެރީގެ ދެމަފިރިންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މަގާމުތަކާ ލަގަބުތައް ދޫކޮށްލިކަމުގައި ވީ ނަމަވެސް އިނގިރޭސިވިލާތުގެ ވެރިކަން ވާރުތަކުރާ ލިސްޓުގެ 6 ވަނާގައި އަދިވެސް އޮތީ ހެރީއެވެ.