އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 290 މެމްބަރުން އިންތިހާބު ކުރުމަށް އެގައުމުގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ބަސް ބުނީ ކޮން ބައެއް؟

އީރާނުގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ މިދަނޑިވަޅަކީ ބައިނަލްއަގުވާމީ މައިދާނުގައި ތާރީހު ނުދެކޭ ދަރަޖައަކަށް އީރާނު އެކަހެރިކޮށްފައިވާ ދަނޑިވަޅެކެވެ. ދާހިލީ މަސްރަހަށް ބަލާއިރުވެސް ސަރުކާރާ މެދު އާންމުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ. ސިޔާސީ ގޮތުންނާ އިގުތިސޯދީ ގޮތުން ހައްލު ހޯދަން މާ ފަސޭހަ ނޫން މައްސަލަތަކެއް އޮތީ ފެންމަތިވެއެވެ.

އީރާނުގެ އާންމު އިންތިހާބުގައި ރައްޔިތުން ވޯޓުދެނީ/ފޮޓޯ: ޗެނަލް 4

ކަންދިމާކުރި ގޮތުން އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ، ދުނިޔޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބިރުވެރިކަންވެސް އީރާނުން ފެންމަތިވިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

އީރާނުން ބުނާ ގޮތުގައި އިންތިހާބުގައި ބައިވެރިވެ ވޯޓުދިން މީހުންގެ އަދަދަކީ އެގައުމުގެ ދުޝްމަނުންނަށް އީރާނުގެ ރައްޔިތުން ދިން ވަރުގަދަ މެސެޖެކެވެ. ރަސްމީ އެއްވެސް ތަފާސް ހިސާބެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިފަހަރުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން އެ ޒިންމާ އަދާކުރިއެވެ.

މިހާތަނަށް ނަތީޖާތައް ދައްކަނީ ކިހިނެއް؟

އީރާނުގެ އާންމު އިންތިހާބުގައި ރައްޔިތުން ލީ ވޯޓު ގުނަން ފަށާފައިވަނީ، ވޯޓުލުން ނިންމާލިތާ 1 ދުވަސް ފަހުންނެވެ. ރަސްމީ ނަތީޖާތައް އަދި ލިބިފައި ނުވި ނަމަވެސް، މިހާތަނަށް ލިބިފައިވާ ވަގުތީ ތަފާސް ހިސާބުތަކަށް ބަލާއިރު، މިފަހަރުވެސް ކުރީގައި އޮތީ އީރާނުގެ ރޫހީ ލީޑަރު އާޔާތުﷲ ޢަލީ ޚަމަނާއީއަށް އެއްބާރުލުންދޭ ކެންޑިޑޭޓުންނެވެ.

އީރާނުގެ ރޫހީ ލީޑަރު ޢާޔަތުﷲ ޢަލީ ޚާމަނާއީ/ފޮޓޯ: ރޮއިޓާޒް

ރަސްމީ ނަތީޖާ ލިބޭއިރުވެސް މިކަން ބަދަލުވުން ނާދިރު ކަމަށް ޚަބަރު ލިބެއެވެ. އީރާނުގެ ދާހިލީ ވުޒާރާއިންވެސް ވަނީ ޚަމަނާއީއަށް ވަފާތެރި ފަރާތްތަކަށް މިފަހަރުގެ އިންތިހާބު ކާމިޔާބުވާކަމުގެ އިޝާރާތެއް ކޮށްފައެވެ.

ސެންޓާ ފޮ މިޑްލް އީސްޓް ސްޓްރެޓީޖިކް ސްޓަޑީޒްގެ ސީނިއާ ރިސާޗް ފެލޯ އައްބާސް އަސްލާނީ ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި މެޖޯރިޓީ ނަގާނީ ޚާމަނާއީގެ ފިކުރުގެ މެމްބަރުންނެވެ. އަދި އެ މެމްބަރުން މަޖިލީހުގެ މެޖޯރިޓީ ގެންދާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށްވެސް އަސްލާނީ ލަފާކުރައްވައެވެ.

2021 ވަނަ އަހަރަކީ އީރާނުގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން ޖެހޭ އަހަރު ކަމުން، މިފަހަރުގެ އާންމު އިންތިހާބަކީ އެގައުމަށް އިންތިހާއަށް މުހިންމު އިންތިހާބެކެވެ. އަސްލާނީ ވިދާޅުވީ އީރާނުގެ ޝަރުއީ ދާއިރާ ކަށަވަރުކޮށްފައިވަނީ ޚަމަނާއީގެ ފިކުރުގެ ޝަހްސުތަކުން ކަމަށްވެފައި، ގާނޫނު ހަދާ މަޖިލީހުގައިވެސް އެފިކުރުގެ މެމްބަރުން އަގުލަބިއްޔަތު ހޯއްދަވައިފިނަމަ ރިޔާސީ ރޭހުގައިވެސް އެކަން ކަށަވަރު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އީރާނުގެ އާންމު އިންތިހާބަށް ހާއްސަކޮށްގެން ކެމްޕޭން ޕޯސްޓަރު ހަރުކޮށްފައިވާ ސަރަހައްދެއްގައި އާންމުންގެ ބަޔަކު ހިނގާފައި ދަނީ/ފޮޓޯ: ސީއެންބީސީ

އީރާނުގެ އިންތިހާބުގެ ކަންކަން ވިލަރެސް ކުރާ ގާޑިއަން ކައުންސިލްގައިވެސް ތިއްބަވަނީ ޚަމަނާއީގެ ފިކުރަށް ބަރޯސާވާ މެމްބަރުން ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެއެވެ. ކަންމިހެން އޮތްއިރު، މިފަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު 16033 ކެންޑިޑޭޓަކަށް ދީފައި ނުވާކަމަށް ޚަބަރު ލިބެއެވެ. އޭގެ ތެރޭގައި ގިނައީ މެދުމިނުގެ ފިކުރުގެ ކެންޑިޑޭޓުންނާ، އިސްލާހަށް ގޮވާލާ ކެންޑިޑޭޓުން ކަމަށް ޚަބަރު ލިބެއެވެ.

އީރާނުގެ އާންމު އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ހުއްރިއްޔާތު ޑެއިލީ ނިއުސް

ހާރިޖީ ސިޔާސަތަށް ވާނީ ކިހިނެއް؟

ބައިނަލްއަގުވާމީ ރާޑަރަށް އީރާނު އަރާފައިވަނީ އެގައުމުގެ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ އާންމު އިންތިހާބުގެ ސަބަބުން އީރާނުގެ މި ސިޔާސަތަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފައެއް ނުކުރެވެއެވެ. އެހެނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ ސިޔާސަތުތަކީ ސީދާ ޚާމަނާއީގެ އޯޑަރުގެ ދަށުން ރާވާލެވޭ ސިޔާސަތުތަކަށް ވާކަމެވެ.

އީރާނުގެ އާންމު އިންތިހާބުގެ ތެރެއިން/ފޮޓޯ: ޓައިމްސް އޮފް އިޒްރޭލު

އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިއާއެކު ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އީރާނާ އެމެރިކާގެ ކޯޅުންގަނޑު އިތުރަށް ވަރުގަދަ ވެގެންދިޔައެވެ. އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް ތަންފީޒުކޮށް، އީރާނު އިނދަޖައްސާލުމަށް އަމަލީ ގޮތުން މަސައްކަތް ފެށިއެވެ.

ޚާމަނާއީގެ ފިކުރަށް ތާއީދުކުރައްވާ މެމްބަރުން، މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރު ކުރައްވައިފިނަމަ، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑްސް ކޯ (އައި.އާރް.ޖީ.ސީ)އަށް އޮތް ބަޖެޓް އިތުރުކުރައްވާނެކަން ޔަގީނެވެ. މިދަނޑިވަޅަކީ އައި.އާރް.ޖީ.ސީގައިވެސް ހިމެނޭ އެންމެ ބާރުގަދަ ގޮފިކަމަށްވާ އީރާނު ޤުދުސް ފޯސްގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު ޖެނެރަލް ގާސިމު ސުލައިމާނީ އިރާގުގައި ހުއްޓާ މަރާލި ހާދިސާއާއި ގުޅިގެން އީރާނާ އެމެރިކާގެ ގުޅުން އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްވެސް މެއެވެ.

އީރާނު ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމުން އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އާބިދީން ކިނާރީ

އަސްލާނީ ބުރަވެވަޑައިގަންނަވާ ގޮތުގައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ސީޓުތައް މިފަހަރު ކާމިޔާބު ކުރައްވާ މެމްބަރުންނަކީ ޚާމަނާއީގެ ސިޔާސަތުތައް ނަގަހައްޓަވާނެ މެމްބަރުންނެވެ. މިފަދަ ސިޔާސަތުތަކައް ބަދަލު ގެންނަވަން މަސައްކަތްކުރެއްވުމުގެ ބަދަލުގައި، އެ މެމްބަރުން ބޮޑަށް ބައްލަވާނީ 2021 ވަނަ އަހަރުގެ ރިޔާސީ ރޭސްވެސް އެ ފިކުރުގެ ކެންޑިޑޭޓަކަށް ކަށަވަރުކޮށްދެއްވުމަށްޓަކައި، އާންމު ސިޔާސީ ބަހުސްތައް އެމެރިކާއާއި ދެކޮޅަށް އަނބުރާލެވޭތޯ ކަމަށްވެސް އަސްލާނީ ވަނީ ލަފާކުރައްވާފައެވެ.