ބްލެކްމެއިލް ކޮށްގެން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތު ކުރެވޭ އުމުރުން 36 އަހަރުގެ ސިފައިންގެ މީހާގެ މައްޗަށް، ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި ސިފައިންގެ މީހާ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހުއެވެ. އަދި މިކަން ހިނގާފައިވަނީ މާލޭގައި ކަމަށް އޭރު އަޑުތައް ވަނީ ފެތުރިފައެވެ.
ޕީޖީން ބުނީ، ދައުވާ ކުރާ މީހާގެ މައްޗަށް، ދައުވާ ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ.
މީގެ އިތުރުން ޕީޖީން ބުނީ، އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގައި މި މައްސަލަ ފެންމަތިވެފައި ވާއިރު، ދެ ސިފައިން ވެގެން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް 6 މަސް ވެގެން ދިޔައިރުވެސް ނުބަލާ، އޮއްބާލާފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. މިކަން ހާމަވީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މުއައްސަސާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކާގައެވެ. މި ވާހަކަ ހިއްސާކުރައްވާފައި ވަނީ މި މަޝްވަރާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނެއްގެވި މިސާލެއްގައެވެ.
ރޮޒައިނާ ވިދާޅުވީ، ސިފައިންގެ 2 މީހަކު، 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މި މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ހުދު އޭނާ ވެސް ވިލީޕޮލިހަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ. 15 އަހަރުގެ ކުއްޖާއަށް އެ ކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން ކިޔައިދޭން އެނގޭ އިރުވެސް، އެކަން ކުރި ދެ ސިފައިންނަށް ފިޔަވަޅު ނޭޅި ކޮންމެ ދުވަހަކު ސިފައިންގެ ޔުނިފޯމުގައި އެ 2 މީޙުން ވަޒީފާއަށް ނިކުންނާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ކަމެއް ހިނގާފައިވާކަމުގެ އެއްވެސް މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފައެއް ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި އަދި ފުލުހުންނަށް ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ އެކަން ކުރި ބަޔަކު ބުނެދެވިފައިިނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ސިފައިންގެ މީހެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަަމށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިގޮތައް އަމަލު ކުރެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.