އާންމު ސިއްހަތުގެ ނަޒަރުން ބަލާއިރު އިރާގުގެ އާންމު ރައްޔިތުންނަކީ ތަންދޮރު އޮޅުން ފިލާފައި ތިބި ބައެއް ނޫންކަމަށް އެގައުމުގައި ހަރަކާތްތެރިވާ ރެޑް ކްރޮސް ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ ޢަލީ އަލް-މޫސާވީ ވިދާޅުވެއްޖެއެވެ.
ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ކޮވިޑް-19 އީރާނުން ފެންމަތިވެ، އެގައުމުން ބަޔަކު މަރުވެފައިވާއިރު އިރާގުން ވަނީ އިރާނުން އިރާގަށް ނުވަދެވޭ ގޮތަށް އުސޫލެއް ކަނޑައަޅާފައެވެ. އެގޮތުން އީރާނު މަގުން އިރާގަށް ވަދެވޭނީ ހަމައެކަނި އިރާގުގެ ރައްޔިތުންނަށް ކަމަށް އިރާގުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މި ނިންމުމަކީ މުއްދަތެއް ނެތް ގޮތަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރަންޖެހެއެވެ.
ކަންމިހެން އޮތްއިރު އިރާގުން ވަނީ ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ރިޕޯޓެއް ކޮށްފައެވެ.
މިއާއެކު އެގައުމުން އަޅަމުންދާ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އަލް-މޫސާވީ ވިދާޅުވީ، ވަކި މީހަކު އިސްތިސްނާ ކުރުމެއް ނެތި، އީރާގަށް އަންނަ ހުރިހާ އެންމެން ވަރަށް ރަނގަޅަށް ސްކްރީން ކުރެވެންޖެހޭ ކަމަށާ، ބައްޔެއް ޖެހުމުން އެކަމަށް ފަރުވާ ހޯދަން އުޅުމަށް ވުރެ އެ ބަލިން ދުރުވުމަށް މަސައްކަތް ކުރުމަކީ މާ ރަނގަޅު ގޮތެއް ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މަންދޫބު އަދުނާނު ނަވާރު ވިދާޅުވީ، ކޮވިޑް-19 ފެތުރިގެން ދިޔަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި އިރާގުގެ ސަރުކާރާއެކު އެޖަމިއްޔާއިން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޑަބްލިއު.އެޗް.އޯއިންވަނީ ކޮވިޑް-19އަށް ޓެސްޓުކުރާނެ ކިޓްތަކެއްވެސް އިރާގަށް ހަދިޔާކޮށްފައެވެ.
މީގެ އިތުރުން ފަންނީ ގޮތުންނާ ލޮޖިސްޓިކްސްގެ ރޮނގުން އިރާގަށް ބޭނުންވާ ލަފާވެސް އެ ޖަމިއްޔާއިން ދަނީ ފޯރުކޮށްދެމުންނެވެ. ނަވާރު ވިދާޅުވީ އިރާގުގެ ހޮސްޕިޓަލުތަކުގައި މިހާރު އައިސޮލޭޝަން ފެސިލިޓީތައްވެސް ހަމަޖައްސާ ނިމިފައިވާކަމަށެވެ.
މިދަނޑިވަޅަކީ ސިޔާސީ ގޮތުން ބަލާއިރުވެސް ނުތަނަވަސްކަމެއްގެ ތެރޭގައި އިރާގު އޮތް ދަނޑިވަޅެއް ކަމުން، މިހާރުގެ ބޮޑުވަޒީރަކީ މިފަދަ ހާލަތެއްގައި ގައުމުގެ ސަލާމަތަށް މަސައްކަތް ކުރެއްވުމުގެ ގާބިލިއްޔަތުކަން ހުރި ބޭފުޅެއް ކަމާ މެދު އިރާގުގެ ރައްޔިތުންތަކެއް ވަނީ ސުވާލު އުފައްދާފައެވެ.
އެގޮތުން، 2008-2010 ވަނަ އަހަރާ ދެމެދު އިނގިރޭސި ވިޔަފާރިވެރިއަކު އިރާގުގެ ސަރުކާރަށް ވިއްކާލި ފޭކު ބޮން-ޑިޓެކްޓަރުތަކުގެ ވާހަކަ، އާންމުން ދަނީ ދައްކަމުންނެވެ. އެމީހުން މިވާހަކަތައް ދައްކަމުންދަނީ ސަރަހައްދީ އިން ހުރަސްކޮށް އިރާގަށް އެތެރެވާ ފަރާތްތައް ސްކްރީން ކުރުމަށް ބޭނުން ކުރަމުން ދަނީ ޑިޖިޓަލް ތެމޯމީޓަރުތަކެއް ކަމަށް ބުނެ، އެކަމަށް ފާޑުކިއަމުންނެވެ.
އިރާގުގެ ބައެއް ޑޮކްޓަރުންވެސް ވަނީ ކޮވިޑް-19ގެ ކާރިސާއަށް އެގައުމު ތައްޔާރު ނޫންކަމަށް ބުނެ ޓްވީޓްއެއްވެސް ކޮށްފައެވެ.