ވަސީލަތްތައް މަދު ގައުމުތަކަށް ކޮވިޑް 19އިގެ ނުރައްކާ ބޮޑު ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓްރު، ޑރ.އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.
ނިޔާފް ވިދާޅުވީ ޗައިނާ އާއި ގުޅުމެއް ނެތް ގިނަ ގައުމުތަކުގައި ކޮވިޑް-19 ޖެހިފައި ތިބި މީހުން ރިޕޯޓު ކުރެވިފައިވާ ކަމަށާއި އެކަމުން ދޭހަ ކޮށްދެނީ އެގައުމުތަކުގަ އާބާދީ ތެރޭ "ސާރްސް-ކޯވީ-2" ވައިރަސް ފެތުރޭކަން ކަމަށެވެ.
ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ "ގްލޯބަލް ޕެންޑެމިކް" އަކަށް ވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށާއި ވަސީލަތްތައް މަދު ގައުމުތަކަށް ނުރައްކާ ބޮޑު ކަމަށް ނިޔާފް ވިދާޅުވެފައި ވެއެވެ. އަދި އެކަމަށް ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ފުރިހަމަކުރަން ލިބޭވަގުތު ދުވަހަކުން ދުވަހަކަށް ދާނީ މަދުވަމުން ކަމަށާއި ހަލުވިކޮށް ތައްޔާރީތައް ވެވޭ އެންމެ ފުރިހަމަކޮށް ފުޅާކޮށް ވާން ޖެހޭ ކަމަށްވެސް ނިޔާފް ވަނީ ވިދާލުވެފައެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭގޮތް ހަމަޖައްސައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. މިހާތަނަށް ރާއްޖެއިން މި ބަލިފެނިފަައި ނުވި ނަމަވެސް، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓެ ހެދުމަށް 14 މީހަކު ވަނީ ކަރަންޓީން ކުރުމަށް ފަހު ދޫކޮށްލާފައެވެ.
މިހާތަނަށް ފަރުވާއެއް އަދި ވެކްސިން އެއްވެސް ކަނޑައެޅިގެން ހޯދިފައި ނުވާ މި ބައްޔަކީ މާ ނުރައްކާތެރި ބަލިމަޑުކަމެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދާދިފަހުން ވަނީ ހާމަކޮށްފައެވެ. މި ބަލި ޖެހޭ ކޮންމެ 5 މީހެއްގެ ތެރެއިން 4 މީހެއްގެ ހަށިގަނޑަށް ބަލީގެ އަސަރު ކުރަނީ ވަރަށް ކުޑަކޮށް ކަމަށާ، މި ބަލީގެ ނުރައްކާ ބޮޑުވަނީ އުމުރުން ދޮށި ވާ ވަރަކަށް ކަމަށާ، އަދި އިތުރު ބަލިތައް ތަހައްމަލުކުރާ މީހުންނަށް ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން މިހާރު ދަނީ ބުނަމުންނެވެ.
ޑަބްލިއުއެޗްއޯއިން އެހެން ބުނެފައި ވާއިރު މިހާތަނަށް 28 ގައުމަކުން ވަނީ އެ ވައިރަސް ފެނިފައެވެ. އަދި ވައިރަސް ޖެހިގެން އެކި ގައުމުތަކުން 2360 މީހުން ވަނީ މަރުވެފައެވެ.