ޗައިނާގެ ޖަލުތަކުގައި އެތައް ސަތޭކަ ގައިދީންނެއް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ކޮވިޑް-19ގެ ފެށުން ކަމުގައި ބަލަމުން އަންނަ ހޫބޭ ޕްރޮވިންސުން ބޭރުގައި ހުރި ޖަލުތަކަށް ބަލާއިރު 234 ގައިދީއަކު މި ރޯގާއަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު، ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު ދަށްވަމުންދިޔަ ރެކޯޑް މިވަނީ، 16 ދުވަހު ފަހު ދެމެހެއްޓޭ ގޮތް ނުވެފައެވެ. ހޫބޭ ޕްރޮވިންސަށް ބަލާއިރު 271 ގައިދީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ކޮވިޑް-19އާއި ގުޅިގެން ގައިދީންގެ ހާލަތު އާންމުވި ފުރަތަމަ ފަހަރެވެ.

ދުނިޔޭގައި 2 ވަނައަށް އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާއަށް ކުރިމަތިވެފައިވާ ސިއްހީ ކާރިސާގެ ސަބަބުން އެގައުމުގެ މާލީ އަދި އިގުތިސޯދީ، ސިނާއީ އަދި އުމްރާނީ މަޝްރޫއުތަކަށް ބުރޫއަރާފައިވާއިރު، އެކަމުގެ އަސަރު އިގުތިސޯދީ ތަފާސް ހިސާބުތަކުން މިހާރު ވަނީ ފެންނަން ފަށާފައެވެ. އޮންލައިން ވިޔަފާރިއާއި، ވައިގެ އުދުހުންތަކުގެ ވިޔަފާރި ދަށަށް ގޮސްފައިވާއިރު، ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތައްވެސް މިހާރު ވަނީ އިންތިހާއަށް ދަށަށް ގޮސްފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.