ރޭޕްކުރި ތުހުމަތުގައި ތަހުގީގަށް ދޮގު މައުލޫމާތު ދީގެން ވަޒީފާއިން ވަކިކުރި މީހެއްގެ މައްސަލަ 8 އަހަރު ފަހުން ބަލާ ނިންމައިފިއެވެ.
މިއީ 2010ވަނަ އަހަރުގެ އަހަރުގެ އޮގަސްޓު މަހުގެ ހަވަނަ ދުވަހުގެ ފަތިހު 4:30ގައި ހިނގި ހާދިސާއެކެވެ. މި ހާދިސާގައި ފުލުހުންގެ ކާރަކަށް އަންހެނަކު ގަދަކަމުން އަރުވާ، އަދި ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ހާދިސާއެއްގައި ދޮގު މައުލޫމާތު ދިން މައްސަލައަކާ ގުޅިގެން ފުލުހަކު ވަޒީފާއިން ވަކިކުރިއެވެ.
ވަޒީފާއިން ވަކިކުރީ ފިނިވާގެ ހއ. ކެލާ، ޕޮލިސް ކޯޕްރަލް އަލީ ނަޝީދުއެވެ. އޭނާގެ އިތުރުން މި މައްސަލާގައި އިތުރު ފުލުހުންތަކަކަށް ވެސް ތުހުމަތު ކުރިއެވެ. އެއީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ރިޝީފް ތޯހާ އާއި ޕޮލިސް ކޮންސްޓަބަލް ހުޝާމް ހަމީދު އާއި ޕޮލިސް ކޯޕްރަލް މުހައްމަދު ފަޔާޒްއެވެ.
މި މައްސަލާގައި އަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހުއެވެ. އެ މައްސަލާގައި ނަޝީދު ވަޒީފާއިން ވަކިކުރީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުން އޭނާގެ މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ. ނަޝީދު ވަޒީފާއިން ވަކިކުރީ އެހެން ހެކިންގެ ހެކިބަހާއި ފޯން ރެކޯޑްތަކުން ސާބިތުވާތީ ކަމަށް ހުކުމްގައި ވެއެވެ.
މި މައްސަލަ އަލީ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ. އަދި ދަށު ކޯޓުން ނިންމީ މި މައްސަލާގައި ނަޝީދު ވަޒީފާއިން ވަކިކުރީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އެގޮތުން ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ނަޝީދާ އެއްކޮޅަށް މައްސަލަ ނިންމިއެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި 2013ވަނަ އަހަރު އިސްތިއުނާފު ކުރިއެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވާފައި މިވަނީ އިއްޔެއެވެ. އެއީ މައްސަލަ ކޯޓަށް ހުށަހެޅިތާ 8 އަހަރު ފަހުންނެވެ. މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.
މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކާއި، ގުޅުންހުރި ގާނޫނުތަކާ ގަވާއިދުތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މައްސަލައިގައި ސިވިލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމްތަކެއް ކަމަށް ނުފެންނަ ކަމަށެވެ.
އަދި ފުލުހުންގެ ވަޒީފާއިން އަލީ ނަޝީދު ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ފެންނަ ކަމަށެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔަށް ފަނޑިޔާރު އަޒްމިލާރްދާ އަދި ފަނޑިޔާރު ޝުޖޫން ވަނީ ތާއީދުކުރައްވާ ފައެވެ. އެހެންކަމުން އަލީ ނަޝީދުގެ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލްކޮށްފައެވެ.