އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19)ގެ ފެށުން ކަމަށްވާ ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައިވާ ޕާކިސްތާނުގެ ދަރިވަރުން އެތަނުން ނެރެ، ރައްކާތެރި ހިސާބަކަށް ގެންދިއުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ދޭނީ 72 ގަޑިއިރުގެ މުހުތަލެއް ކަމަށް، ޕާކިސްތާނުގައި މުޒާހަރާ ކުރަމުންދާ އެތައް ހާސް ބެލެނިވެރިންނެއް ބުނެފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ނަމުގައި ޗައިނާއިން ވޫހާން ސިޓީ ކަރަންޓީނުކޮށް ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، ވޫހާންގެ އާންމު ހާލަތު އަދިވެސް އޮތީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ ގޮތަކަށެވެ. ނަމަވެސް ޗައިނާއާއި ގާތް ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ޕާކިސްތާނުން ދަނީ ވޫހާންގައި ތިބި އެގައުމުގެ ރައްޔިތުން އެ ސަރަހައްދުން ނެރުމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކުރުމަށް ދެކޮޅު ހަދަމުންނެވެ.

ކަންމިހެން އޮތްއިރު، 3 ދުވަހުގެ ތެރޭގައި ވޫހާންއިން ދަރިވަރުން ނުނެރެއްޖެނަމަ، މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުވެސް ބެލެނިވެރިން ވަނީ ދީފައެވެ. ޚަބަރު ލިބޭ ގޮތުގައި ހާހެއްހާ ޕާކިސްތާނު ދަރިވަރުން މިހާރުވެސް ވޫހާންގައި އެބަތިއްބެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވަޒީރު ޒަފަރު މިރުޒާއަށް އިޝާރާތްކޮށް ވާހަކަދައްކަމުން ބެލެނިވެރިން ވަނީ، 3 ދުވަހުގެ ތެރޭގައި ދަރިވަރުން ވޫހާންއިން ނުނެރެއްޖެނަމަ ސިއްހަތާ ބެހޭ ވުޒާރާގެ އިމާރާތް ހިމެނޭ ސަރަހައްދާ، ޗައިނާ އެމްބަސީ ހުންނަ ސަރަހައްދުގައި މުޒާހަރާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މިވަގުތަށް އެންމެ ރައްކާތެރި ގޮތަކީ ޕާކިސްތާނުގެ ދަރިވަރުން އެތިބަ ގޮތަށް ވޫހާންގައި ބޭތިއްވުން ކަމަށް ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެފައިވާއިރު، މިއީ މުޅި ޕާކިސްތާނާ ދުނިޔެއަށްވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއީ އަނގަބަހުން ބުނެލަން ވަރަށް ފަސޭހަ ބަސްތަކެއް ކަމަށާ، ހަގީގީ ކަންބޮޑުވުމަކީ ވޫހާންގައި ތާށިވެފައިވާ ދަރިންގެ ސަލާމަތާ ރައްކާތެރިކަން ކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ވޫހާންގައި ތިބި 7 ދިވެހިން ރާއްޖެ ގެނައްސި / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކަކުން ދަނީ ވުހާންގައި ތާށިވެފައިވާ އެގައުމުތަކުގެ ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޕާކިސްތާނުން މިކަމަށް އެއްވެސް ވަރެއްގެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.