އަންނަ އާދީއްތަ ދުވަހުން ފެށިގެން ވޯކް ވިސާއަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ވިސާ އެޕްރޫވަލް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ 23 ފެބްރުއަރީ އިން ފެށިގެން ވޯކް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުމެއް ފުރިހަމައަށް ހުށަހަޅާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ވޯކް ވިސާ އެޕްރޫވަލް ލިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އަދި ވިސާއަށް އެދި އިމިގްރޭޝަނަށް ޕާސްޕޯޓު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އަދި ބަލްކު ކޮށް ނުވަތަ ގިނައަދަދެއްގެ ވޯކް ވިސާއަށް އެދި ހުށަހަޅާ ބޮޑެތި ކުންފުނިތަކާއި އެޖެންސީތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޑެޑިކޭޓެޑް ވިސާ އޮފިސަރު (ޑީވީއޯ) ގެ ނަމުގައި ވަކި އޮފިސަރެއް ހަމަޖެހިގެން ދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ވޯކް ވިސާގެ ހިދުމަތްތަކަށް ގެނައި ބަދަލުތަކާއެކު ހިދުމަތް ހޯދުމަށް އިތުރަށް ލުއިފަސޭހަ ވެގެން ދާނެކަމަށާއި އަދި އިމިގްރޭޝަންގެ ހިދުމަތްތައް ހަލުވިކޮށް ފަސޭހަ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ.

ވޯކް ވިސާގެ ހިދުމަތްތަކަށް ރަނގަޅު ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން އިއުލާނު ކޮށްދެއްވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން ގެންނަ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ވޯކް ވިސާގެ ހިދުމަތް ލިބިގަތުމުގައި މިހާރު ދިމާވާ ދަތިތައް ކޮންޓްރޯލާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައެވެ.