ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭގޮތް ހަމަޖައްސައިފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ކޮރޯނާއަށް ޓެސްޓުކުރެވޭ ކިޓުތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެ ކިޓްތައް ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ. އަދި އެ ކިޓްތަކާ ހަވާލުވެެލެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

ޑައިބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް 10 ލެބޯރަޓޮރީ ޓެސްޓިންގް ކިޓްގެ ހަދިޔާ ކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ އެ ކިޓްތަކާއެކު ކޮވިޑް 19 އަށް އައިޖީއެމްއެޗްގައި 1000 މީހުންނަށް ޓެސްޓު ކުރެވޭނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ، ކޮރޯނާވައިރަހަށް މިއަދުން ފެށިގެން އައިޖީއެމްއެޗުގައި ޓެސްޓް ހެދޭނެ ކަމަށެވެ.

މީގެ ކުރިން ކޮރޯނާއަށް ޓެސްޓުތައް ހަދަން ފޮނުވަނީ އިންޑިއާއަށެވެ. އަދި ޓެސްޓުތަކުގެ ނަތީޖާ ލިބެން އެތަކެއް ދުވަހެއް ނަގައެވެ. ނަމަވެސް މި ޓެސްޓް ކިޓްތައް ލިބުމާއެކު، ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރާއި ދޭތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.