ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ކުރި ނުވަ މުވައްޒަފެއްގެ މަގާމަށް މީހުން ނެގުން މަޑުޖައްސާލުމަށް ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ކުރި ނުވަ މުވައްޒަފެއްގެ މަގާމަށް މީހުން ނެގުން މަޑުޖައްސާލުމަށް ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ކުރި 11 މުވައްޒަފުންގެ ތެރެއިން، ނުވަ މުވައްޒަފަކު އެ މީހުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު އެ 9 މުވައްޒަފުން އެދުނީ އެ މަގާމުތަކަށް މީހުން ނެގުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.
ޓްރައިބިއުނަލް އިން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ވަނީ ޓްރާންސްޕޯޓުން ވަކިކުރި 9 މުވައްޒަފުން އަދާކުރި މަގާމުތަކަށް އެހެން މުވައްޒަފުންތަކެއް ހަމަޖައްސައިފި ނަމަ މައްސަލަ ހުށަހެޅި 9 ފަރާތުގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ. އަދި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ ބާރުވެސް ކެނޑިގެން ހިނގައިދާނެ ކަމަށެވެ.
މި މައްސަލާގައި ޓްރާންސްޕޯޓުން ބުނެފައިވަނީ މަގާމުން ވަކި ކޮށްފައިވާ 9 މުވައްޒަފުންގެ މަގާމުތަކަކީ މުވައްޒަފުން ނެތުމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން ޓްރައިބިއުލަނުން ވަނީ އެ މަގާމުތަކަށް ދާއިމީ މުވައްޒަފުން ނުނެގި ކަމަށްވީ ނަމަވެސް ހިދުމަތަށް ބުރޫ ނާރާ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް އަމުރުކޮށްފައެވެ.
ޓްރާންސްޕޯޓުގެ 11 މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ ޗިޓު އެ މުވައްޒަފުންނަށް ފޮނުވީ މިދިޔަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހުއެވެ. މުވައްޒަފުންނަށް ފޮނުވި ޗިޓުގައި، އެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ، ހާޒިރީ ރިޕޯޓަށް ބަލާ، 'ދިވެހި ސިވިލް ސާވިސް ގަވާއިދު 2014'ގެ 28 ވަނަ ޗެޕްޓަރުގައި ބަޔާން ކޮށްފައިވާ އިސްލާހީ ފިޔަވަޅު އެޅުމާއި މާއްދީ ގެއްލުންތަކަށް ބަދަލު ނެގުމުގެ ބައިންނެވެ. އެގޮތުން، އެ ބައިގެ 271 ވަނަ މާއްދާގެ (ނ)، ވަޒީފާގެ ކުށުގެ ދަރަޖަ ތިނެއްގެ 2.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، އަހަރެއްގެ ތެރޭގައި ގަޑިޖެހުނު މިނެޓުގެ އަދަދު 300 މިނެޓަށްވުރެ އިތުރުވެފައިވާތީ، ކަމަށް ބުނެއެވެ.