މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މާދަމާގެ މި ގައުމު ހިމާޔަތްކުރުން ކަމަށް އެޓާނީ ޖެނެރަލް، އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިފްއަތު މިހެން ވިދާޅުވެފައި މިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދި ގާނޫނަށް އަމަލު ކުރެވެން ފެށުމާއެކުގައެވެ.

ރިފްއަތު ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ކަމަށެވެ.

މިއަދުން ފެށިގެން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކުލަވާލި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިންސީ ގޯނާގެ ކުށްތަކުންނާއި، ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާވާނެ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ. މި ގާނޫނަކީ ކުރީގެ ސަރުކާރުތަކުން ވެސް ފާސްކުރުމަށް ވާހަކަ ދައްކާފައިވާ ގާނޫނެކެވެ. އެގޮތުން މި ގާނޫނަށް ވާހަކަ ދައްކާތާ މިހާރު ވަނީ 28 އަހަރު ވެފައެވެ.

ވޭތުވެދިޔަ 15 އަހަރަށް ބަލާއިރު ކުޑަކުދިންގެ މައްސަލަަތަކެއް އެއް އަހަރުން އަނެއް އަހަރަށް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް މި ފަދަ މައްސަލަަތަކުގައި އިންސާފާ ހަމައަށް ވާސިލް ނުވެވޭ ކަމާއި މައްސަލަތައް ބެލުމުގައި ވަރަށް ބޮޑު "ޑިލޭތަކެއް" ހުރިކަން ވަނީ ފާހަގަވެފައެވެ.

އެހެންނަމަވެސް މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށް، އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި ފޮސްޓާ ކުރެވޭ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރާއިރު ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ވެސް ވަނީ ކަނޑައަޅާފައެވެ.