މުޅި ގައުމުގެ ކޮންޓްރޯލް ކަށަވަރު ކުރުމަށް ސޫރިޔާގެ ސަރުކާރުން ހިންގާ ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކުން ސަލާމަތްވުމަށް އެތައް ސަތޭކަ ހާސް ބަޔަކު މިހާރު ފިތިބާރުވެފައި ތިބީ ތުރުކީވިލާތާ ސޫރިޔާ ހިއްސާކުރާ ސަރަހައްދީ އިމުގެ ސަރަހައްދުގައި ޖަހާފައިވާ ވަގުތީ ފޭލިގެ ތަކުގައެވެ. މިތަނުން ޖާގަ ނުލިބޭ އެތައް ސަތޭކަ ބަޔަކު އަދިވެސް އެބަތިއްބެވެ.
މި ސަރަހައްދުގެ ފިނިހޫނުމިން ހުރީ ބޭރުގައި ފެންތައްޓެއް ބަހައްޓައިފިނަމަ އެ ގަނޑުވާހާ ފިނި މިނެއްގައެވެ. މައުސޫމު އެތައް ކުދިންނެއް ގަދަ ފިނީގައި މަރުވަމުންދާއިރު އެ ކުދިންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ދާނެ އެއްވެސް ތަނެއް އެކުދިންގެ މައިންބަފައިންނަކަށް ނެތެވެ. ބައެއް ކުދިންނަކީ މައިންބަފައިން މަރުވެ ޔަތީމުވެފައިވާ ކުދިންނެވެ.
އދގެ ސާލާމަތީ މަޖިލީ މަޖިލީހުގައި ސޫރިޔާގެ މަސްރަހާ ބެހޭ ގޮތުން ބުދަ ދުވަހު ވާހަކަދައްކަވަމުން އިންސާނީ އެހީއާއި ބެހޭ އދގެ އިސްވެރިޔާ މާކް ލޯވްކޮކް ވަނީ ސޫރިޔާގައި އިންސާނީ ކާރިސާއެއް ނިއުޅެމުން އަންނަ ކަމުގެ އިންޒާރު ދެއްވާފައެވެ.
ލޯވްކޮކް ވިދާޅުވީ ރައްކާތެރިކަން ހޯދުމުގެ އުއްމީދުގައި ސޫރިޔާގެ އެތައް ސަތޭކަ ހާސް ބަޔަކު ތޮއްޖެހިފައިވާ ކޭމްޕުތަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އިދްލީބު ޕްރޮވިންސްގައި ރައްކާތެރި ހަމަ ތަންކޮޅެއްވެސް ނެތް ކަމަށެވެ.
ސަރުކާރުން ދެމުންދާ ވަރުގަދަ ހަމަލާތަކުން ދިފާއު ހޯދުމަށް އެއްގަމު އުޅަނދުތަކުގެ އިތުރުން ފައިމަގުގައިވެސް އެތައް ހާސް ބަޔަކު ވަގުތީ ހިޔާތަކުގެ އުއްމީދުގައި ދަތުރުކުރަމުންދާނީވެސް ހަނގުރާމަ ގަނޑުގެ ތެރެއިންނެވެ. މުޅި ސަރަހައްދު ވަށާލާފައިވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކުންނެވެ. މިއަހަރުގެ މިހާ ހިސާބަށް އާދެވުނުއިރު ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި ދިން އެކި ހަމަލާތަކުގައި އާންމުންގެ 300 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ސޫރިޔާއާއި ރަޝިޔާގެ ގުޅިފައިވާ އަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް މަރުވި މީހުންގެ 93 ޕަސެންޓް މީހުންނަކީވެސް އާންމު ރައްޔިތުން ކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް 900000 އެއްހާ މީހުން ވަނީ އިދްލީބު ޕްރޮވިންސްގައި އެމީހުން ދިރިއުޅެމުންދިޔަ ގެތައް ދޫކޮށް ވަގުތީ ހިޔާތައް ހޯދަން މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި 2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެކި ހިސާބުތަކުން ގެދޮރު ގެއްލުމުގެ ސަބަބުން އިދްލީބުގައި ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުންދިޔަ ރެފިއުޖީންވެސް ހިމެނެއެވެ.