މިދިޔަ އަހަރުގެ ފަހުކޮޅު އަލަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ދޮށީ އުމުރުގެ 2 މީހަކު މަރުވެފައިވާކަމަށް އީރާނުގެ ސިއްހަތާ ބެހޭ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

މިއީ ކޮވިޑް-19ގެ ކޭސްތަކެއްގައި ބަޔަކު މަރުވިކަމަށް މެދުއިރުމަތިން ރިޕޯޓްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

އީރާނުގެ ސިއްހަތާ ބެހޭ ވަޒީރަށް ލަފާ އަރުވާ މުޝީރު ޢަލީ ރިޒާ ވައްހާބުޒާދީ ވިދާޅުވީ 2 މީހުންވެސް މަރުވީ ވެރިރަށް ތެހްރާންގެ ދެކުނުން އޮންނަ ޤޯމް ސިޓީގައި ކަމަށެވެ. އަދި 2 މީހުންވެސް މަރުވީ، ކޮވިޑް-19ގެ ޖެހި، ފުއްޕާމޭ އިންފެކްޓްވެގެން ކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ކިއާނޫޝް ޖާހަންޕޫރު ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ 2 މީހެއްގެ ޓެސްޓުތައް ހެދުމުން ފުރަތަމަ ލިބުނު ނަތީޖާތަކުން އެމީހުން އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށާ، އަދި އުމުރުން ދުވަސްވެފައި ތިބުމާ، ދިފާއީ ނިޒާމުގެ ބާރު ދަށްވުމުގެ ސަބަބުން އެމީހުން އެ ބަލީގައި މަރުވި ކަމަށްވެސް ހާމަކޮށްފައެވެ.

ކޮވިޑް-19ގެ ކޭސްތަކެއް ރިޕޯޓްކުރި ޤޯމް ސިޓީގެ ހާލަތު ބައްލަވާލައްވަން އެ ސަރަހައްދަށް ވަޑައިގެންނެވި އީރާނުގެ ސިއްހަތާ ވެހޭ ވަޒީރުގެ ނައިބު ގާސިމު ޖާން-ބާބާއީ ވިދާޅުވީ، ކޮވިޑް-19އަށް ހާއްސަކޮށްގެން އެ ސިޓީގައި ހާއްސަ، އެމާޖެންސީ ޔުނިޓްތަކެއް ގާއިމުކޮށްފައިވާކަމަށެވެ. އަދި ސަލާމްކޮށް އުޅުމާ، ވަކިން ހާއްސަކޮށް 'އަރަބި ސަގާފީ ސަލާމުން' ސަލާމްކޮށް އުޅުމާ ދުރުވުމަށް އިލްތިމާސް ކުރައްވާ ކަމަށާ، ނަމަވެސް އަދި ހާސްވެ ކަންބޮޑުވާންޖެހޭ ސަބަބެއް އެ ގައުމުގައި ނެތް ކަމަށްވެސް ނައިބު ވަޒީރު ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19ގެ ކޭހެއް އީރާނުގެ އެހެން ހިސާބަކުން އަދި ރިޕޯޓްކޮށްފައި ނެތް ކަމަށާ، ނަމަވެސް އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އޮފް ޗައިނާގައި މަސައްކަތްކުރާ އީރާނުގެ އާންމު ސިއްހަތުގެ ސިޔާސަތު ދިރާސާކުރާ ފަރާތެއް ކަމަށްވާ ޢަލީ ޣޫލިޒާދީ ވަނީ، ވަކި އެއްޗެއް ކަށަވަރުވަންދެން، ކޮވިޑް-19ގައި މަރުވި 2 މީހުންގެ އާއިލާތައްވެސް ކަރަންޓީނު ކުރަންޖެހޭ ކަމަށް ގޮވާލާފައެވެ.

ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މެދުއިރުމަތިން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިންނެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިން އެއްވެސް ކަނޑައެޅިގެން ހޯދިފައި ނުވާ މި ބައްޔަކީ މާ ނުރައްކާތެރި ބަލިމަޑުކަމެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދާދިފަހުން ވަނީ ހާމަކޮށްފައެވެ. މި ބަލި ޖެހޭ ކޮންމެ 5 މީހެއްގެ ތެރެއިން 4 މީހެއްގެ ހަށިގަނޑަށް ބަލީގެ އަސަރު ކުރަނީ ވަރަށް ކުޑަކޮށް ކަމަށާ، މި ބަލީގެ ނުރައްކާ ބޮޑުވަނީ އުމުރުން ދޮށި ވާ ވަރަކަށް ކަމަށާ، އަދި އިތުރު ބަލިތައް ތަހައްމަލުކުރާ މީހުންނަށް ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން މިހާރު ދަނީ ބުނަމުންނެވެ.