ޖަޕާނުގެ ޔޮކޮހާމާގައި ބަނދަރުކޮށްފައި އޮތް "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާގެ ކަރަންޓީނު މުއްދަތު ހަމަވުމާއެކު، އޭގައި ތިބި 3700 އެއްހާ މީހުންގެ ތެރެއިން ކޮވިޑް-19އަށް ނެގެޓިވްވެފައި ވާ ކަމަށް ބުނާ އެތައް ސަތޭކަ ބަޔަކު ޖަޕާނަށް ފައިބަން ފަށައިފިއެވެ.
ޑައިމަންޑް ޕްރިންސަސް އިން ދަތުރުކުރުމަށްފަހު ހޮންގްކޮންގްއަށް ދިޔަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ޖަޕާނުގެ ޔޮކޮހާމާގައި މި ކުރޫޒްލައިނާ ކަރަންޓީނުކޮށް، ބަލީގެ އަސަރު ފެންނަމުންދިޔަ މީހުންގެ ޓެސްޓުތައް ހެދި ހެދުމުން މިހާތަނަށް 621 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި މީހުން ފިޔަވާ، ބާކީ ތިބި މީހުން ޖަޕާނަށް ފައިބަން ފަށާފައިވާއިރު، ގިނަ ބަޔަކު ދަނީ ޖަޕާނު ސަރުކާރުން މިކަމުގައި އަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހި، ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.
ޑައިމަންޑް ޕްރިންސަސް ކުރޫޒްއަށް އެރި، ސިއްހަތާ ބެހޭ ޖަޕާނުގެ ތަޖުރިބާކާރަކު ބުނީ އެ ސަރަހައްދުގައި ކަންތައްތައް ބޮއްސުންލާފައިވާކަމަށާ، ބޮޑެތި އޮޅުންތަކެއް އަރަމުންދާކަމަށެވެ. އެމެރިކާގެ އޮފިޝަލުންވެސް ވަނީ ޑައިމަންޑް ޕްރިންސަސްގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް އެޅެމުން ނުދާކަން ފާހަގަކޮށްފައެވެ.
ކޮވިޑް-19ގެ ނުރައްކާ އޮވެގެން ޑައިމަންޑް ޕްރިންސަސް ކަރަންޓީނު ކުރި ފަހުން އެ ކުރޫޒްލައިނާ ތެރޭގައި ހިނގާ ކަންތައްތައް ބައިނަލްއަގުވާމީ މީޑިއާއަށް ތިލަކޮށްދެމުންދިޔަ އިނގިރޭސިވިލާތުގެ ދެމަފިރިއަކުވެސް މިހާރު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފައެވެ.