ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާއި ގުޅޭ ތަފްސީލީ މައުލޫމާތު ހިމަނައިގެން ޗައިނާއިން ފުރަތަމަ ފަހަރަށް ތަފްސީލީ ރިޕޯޓްއެއް އާންމުކޮށްފިއެވެ.
މި ރިޕޯޓަކީ ޗައިނާއިން މިހާތަނަށް ފެނިފައިވާ ކޮވިޑް-19 ކޭސްތަކުގެ ތެރެއިން 44000 އަށްވުރެ ގިނަ ކޭހުގެ މައުލޫމާތު ހިމަނައިގެން އެކުލަވާލާފައިވާ ތަފްސީލީ ރިޕޯޓްއެކެވެ.
ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީސީޑީސީ)އިން އާންމުކޮށްފައިވާ މި ރިޕޯޓަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް ބަލީގެ އަސަރާ އިހުސާށް ކުރެވޭނީ ވަރަށް ކުޑަކޮށެވެ. އަދި މި ބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނާ، އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ކަމަށް ޗައިނާގެ ރިޕޯޓްގައިވެސް ވަނީ ބުނެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ވެސް މިފަދަ ވާހަކަތަކެއް ވަނީ ހާމަކޮށްފައެވެ.
ޗައިނާގެ ރިޕޯޓްގައި ނުރައްކާ ގިންތީގައި ހިމަނާފައިވާ އިތުރު ބަޔަކަށް ބަލާއިރު، ކޮވިޑް-19ގެ ކޭސްތަކާ އެންމެ ގާތުގައި މަސައްކަތްކުރާ ސިއްހީދާއިރާގެ ފަންނީ މުވައްޒަފުން ނުވަތަ މެޑިކަލް ސްޓާފުންގެ ވާހަކަ ވަނީ ބަޔާންކޮށްފައެވެ.
ކޮވިޑް-19ގެ ފެށުން ކަމަށްވާ ވޫހާން ސިޓީގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލެއްގައި މަސައްކަތްކުރި ހެލްތް ޑައިރެކްޓަރެއް، މިއަދުވެސް ވަނީ މަރުވެފައެވެ. އުމުރުން 51 އަހަރުގެ ލިއު ޝިމިންގްއަކީ ކޮވިޑް-19ގެ އަސަރު ކޮށްގެން މަރުވި ސިއްހީ އޮފިޝަލުންގެ ތެރެއިން އެންމެ އިސް ރޭންކުތަކުގައި ހިމެނޭ އެއް އޮފިޝަލެވެ.
ޗައިނާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 3019 މީހަކަށް ކޮވިޑް-19ގެ އަސަރު ކޮށްފައި ވާއިރު، 1716 މީހަކަށް މި ވައިރަހުގެ އަސަރު ކުރިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައި ކަމަށް މި ރިޕޯޓް ބުނެއެވެ. ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 5 މީހަކު މަރުވި ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.
ޗައިނީޒް ޖާނަލް އޮފް އެޕިޑޮމޮލޮޖީގައި އާންމުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި ކޮވިޑް-19ގެ އަސަރުކޮށްފައިވާ މީހުންގެ ތެރެއިން ބަލި ބޮޑުވެފައިވާ 13.8 ޕަސެންޓް މީހުންގެއެވެ. އަދި ކުރިޓިކަލް ހާލަތަށް ގޮސްފައިވަނީ 4.7 ޕަސެންޓް މީހުން ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.
އަދިވެސް އިސްލާމްދީނަކީ ވައިރަހަކަށް ހަދައިގެން އަނގަފުޅާކުރާތި! ރާކަނިމަސް ކެވިއްޖެނު!
ބަރާބަރު