ކޮވިޑް-19 ފެތުރެމުން ދިމއުމާއެކު، ޗައިނާގެ ވޫހަން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި 7 ދިވެހިން، ރާއްޖެ ގެނެސްފިއެވެ.

މި 7 ދިވެހިން މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ގެނެސްފައި ވަނީ އިންޑިއާގެ ދިއްލީގައި 14 ދުވަސް ވަންދެން ކަރަންޓީނުކޮށްފައި ބޭތިއްބުމަށްފަހުއެވެ. މި މީހުން އިންޑިއާގައި ކަރަންޓީނު ކުރުމަށްފަހު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްތޯ ބެލުމަށް ޓެސްޓު ހައްދާފައެވެ. ނަމަވެސް، އެ އެންމެން ވެސް ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ.

ވޫހާންއިން އިންޑިއާއަށް ގެންދިޔައީ ދިވެހި ފަސް އަންހެނަކާއި ފިރިހެނަކާއި ކުޑަކުއްޖެކެވެ. މި އެންމެން ވެސް އިންޑިއާއަށް ގެންގޮސްފައި ވަނީ ވޫހާންގައި ތިބި އިންޑިއާގެ 323 ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައެވެ.

ވޫހާންގައި ތިބި 7 ދިވެހިން ރާއްޖެ ގެނައްސި / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ޗައިނާގައި ނުރައްކާތެރި ކޮވިޑް-19 ފެތުރެމުންދާއިރު އެ ގައުމުގައި އަދިވެސް ދިވެހިން އެބަތިބިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން މިމަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިހާރުވެސް ޗައިނާގައި 43 ދިވެހިން އެބަތިބި ކަމަށާ އެ މީހުންގެ ހާލު ބަލަމުން ގެންދާ ކަމަށެވެ.

ވޫހާންގައި ތިބި 7 ދިވެހިން ރާއްޖެ ގެނައްސި / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ގައި މިހަތަނަަށް 1873 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިފައިވާ 73333 މީހުން 29 ގައުމެއްގައި ތިބި އިރު މި ބަލިޖެހި ރަނގަޅުވެފައިވާ 12712 މީހުން އެބަ ތިއްބެވެ.