މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނާވަރުގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހުރި ސަރަހައްދަކުން އުފެދި، ހަލުވިކަމާއެކު ފެތުރިގެންދިޔަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސަރުކޮށްފައިވާ މީހުންނަށް ފަރުވާ ދިނުމަށް "ޕްލާޒްމާ ތެރަޕީ" ބޭނުންކުރަމުން އަންނަ ކަމަށް ޗައިނާގެ ޑޮކްޓަރުންތަކެއް ހާމަކޮށްފިއެވެ.

ޕްލާޒްމާ ތެރަޕީއަކީ ލޭގައި އެކުލެވޭ ޕްލާޒްމާގެ ބޭނުންކޮށްގެން، ހަލާކުވެފައިވާ އެހެން ބައިތަކަކަށް ފަރުވާ ދިނުމެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ޑރ ޑރ ޢަބުދުލްޢަޒީޒު ޙަމީދުގެ ސިއްހަތު ބްލޮގްގައި، ލޭގެ ޕްލާޒްމާ ތަފްސީލު ކޮށްދެއްވަމުން ވިދާޅުވަނީ އެއީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަވަރެވެ. ނުވަތަ އެއީ ލޭގެ ދިޔާ ބައެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ ލޭގެ ސެލްތައް އޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކޯރެވެ.

ކޮވިޑް-19ގެ ފަރުވާއަށް ޗައިނާގައި ބައެއް ޑޮކްޓަރުން ބޭނުންކުރަމުން އަންނަ ޕްލާޒްމާ ތެރަޕީ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޓައިމް

ޗައިނާގެ ޝަންހާއި ޕަބްލިކް ހެލްތް ކްލިނިކަލް ސެންޓަރުގެ ޕްރޮފެސާ އަދި ކޯ-ޑައިރެކްޓަރު ލޫ ހޯންގްޝޫ ވިދާޅުވާ ގޮތުގައި، ކޮވިޑް-19ގެ އަސަރުކޮށް، އެބަލިން ފަސޭހަވެފައިވާ މީހުންގެ ހަށިގަނޑުން ލޭގެ ޕްލާޒްމާ ނަގައިގެން، ބަލީގެ އަސަރު ކޮށްފައިވާ މީހުންގެ ހަށިގަނޑަށް އެ މާއްދާ އިންޖެކްޓްކޮށްގެން ހޯދަމުން އަންނަ ފަރުވާއިން އެދެވޭ ނަތީޖާތަކެއް ވަނީ ފެންނަން ފަށާފައެވެ.

ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި ޗައިނާގައި ބައެއް ޑޮކްޓަރުން ތަހުލީލު ކުރަމުންދާ ޕްލާޒްމާ ތެރަޕީއަށް ހާއްސަކޮށްފައިވާ ޔުނިޓެއް ދައްކާލަނީ/ފޮޓޯ: ރޮއިޓާޒް

ހޯންގްޝޫ ވިދާޅުވީ ކޮވިޑް-19އަށް ހާއްސަކޮށްގެން ޕްލާޒްމާ ތެރަޕީ ދިނުމަށް ހާއްސަ ޔުނިޓެއް، ޝަންހާއި ޕަބްލިކް ހެލްތް ކްލިނިކަލް ސެންޓަރުގައި ގާއިމުކޮށްފައިވާކަމަށެވެ. ޕްލާޒްމާ ހަދިޔާ ކުރަން އަމިއްލަ އިހުތިޔާރުގައި އެދޭ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ތަހުލީލީ ފަރުވާގެ ސަބަބުން، މިހާރުގެ ޕޭޝަންޓުންގެ ކިބައިން އެދެވޭ ނަތީޖާތަކެއް ފެންނަމުންދާކަން ހޯންގްޝޫ ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގައި އުފެދި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެސްސީއެމްޕީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ހެޑް އޮފް ހެލްތް އެމާޖެންސީސް ޕްރޮގްރާމް މައިކް ރާޔަން ވިދާޅުވީ، ފަރުވާ ހޯދާފައިވާ ޕޭޝަންޓުންގެ ޕްލާޒްމާ ބޭނުންކޮށްގެން ފަރުވާއެއް ހޯދުމަކީ ބަލައިގަނެވޭނެ ސައްހަ ތަހުލީލުތަކެއް ކަމަށެވެ. ނަމަވެސް އެކަމަކީ ކަނޑައެޅޭ ވަރަށް ނާޒުކު ދަނޑިވަޅުތަކެއްގައި، ފަރުވާތެރިކަމާއެކު ދޭންޖެހޭ ފަރުވާއެއް ކަމަށްވެސް ރާޔަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ކޮންމެ ކޮންމެ ފަހަރަކު ކާމިޔާބު ވެދާނެ ފަރުވާއެއް ނޫންކަންވެސް ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ފެށުމަކީ ކޮބައިކަން އަދިވެސް ކަށަވަރު ކުރެވިފައި ނުވާއިރު، މި ބަލިން ދިފާއުވާނެ ވެކްސިންއެއްވެސް އަދި ތައްޔާރު ކުރެވިފައެއް ނުވެއެވެ. އަދި ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް ހޯދިފައެއް ނެތެވެ. ކޮވިޑް-19ގެ އަސަރު ކުރާ މީހުންނަށް ފަރުވާ ދެނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށެވެ.