މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގައި އުފެދުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސަރު ކުރާ މީހުންގެ ތެރެއިން ކޮންމެ 5 މީހަކުން 4 މީހަކީ، ބަލީގެ އަސަރު ވަރަށް ކުޑަކޮށް ކުރާ މީހުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ޗައިނާއިން ލިބެމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19ގެ އަސަރު ކުރާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ބަލީގެ ސަބަބުން ވަރަށް ކުޑަކޮށް އަސަރުކުރާ ބައެއް ކަމަށާ، އެމީހުންނަކީ ފަރުވާކޮށްގެން ރަނގަޅު ކުރެވޭ ބައެއް ކަމަށެވެ. ކޮވިޑް-19ގެ އަސަރުކޮށްގެން ނިއުމޯނިއާ ޖެހުން ފަދަ ސީރިއަސް ހާލަތަކަށް ދަނީ 14 ޕަސެންޓް މީހުން ކަމަށާ، ކުރިޓިކަލް ހާލަތަށް 5 ޕަސެންޓް މީހުންދާއިރު، މި ވައިރަހުގެ އަސަރުކޮށްގެން މަރުވަނީ 2 ޕަސެންޓް މީހުން ކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން އާންމު ސަރަހައްދެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ/ފޮޓޯ: ރޮއިޓާޒް

ޑރ ގެބްރިޔޭސޫސް ވިދާޅުވީ، މީގެ ކުރިން ފެތުރިފައިވާ ކޮރޯނާވައިރަހުގެ އާއިލާގެ ރޯގާތައް ކަމަށްވާ ސާސް އަދި މާސް އަށް ބަލާއިރު، ކޮވިޑް-19އަކީ ފުރާނައަށް އެހާ ނުރައްކާތެރި ބަލިމަޑުކަމެއް ނޫންކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން ޑރ ގެބްރިޔޭސޫސް ވިދާޅުވީ، ކޮވިޑް-19 ގެ 'ސާފު މަންޒަރު' މިހާރު ފެންނަން ފަށާފައިވާކަމަށެވެ.

ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ އަސަރު ކުރާ ކުޑަކުދިންނަކީ ބޮޑެތި މީހުން ފަދަ ތަކުލީފުތަކެއް މި ބަލީގައި އުފުލާ ބައެއް ނޫންކަމަށާ، ކޮވިޑް-19ގެ އަސަރު ކުރުމުން ނުރައްކާ ބޮޑުވަނީ، އުމުރުން ދުވަސްވީ، ދޮށީ އުމުރުގެ މީހުންނަށް ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް، ކޮވިޑް-19އިން ދިފާއުވާނެ ވައިރަހެއް އަދި ހާއްސަ ފަރުވާއެއްވެސް ހޯދިފައެއް ނުވެއެވެ. އަދި ބަލީގެ އަސްލު ފެށުމަކީ ކޮބައިކަންވެސް ކަށަވަރުކުރެވިފައެއް ނުވެއެވެ.