ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ޗައިނާގައި ސިނާއީ ވިޔަފާރީގެ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައި އޮތުމުގެ ނޭދެވޭ އަސަރު، އެކުންފުނީގެ ސްމާޓްފޯނު ސްޕަލައިއަށް ކުރާނެ ކަމުގެ އިންޒާރު، ޓެކްނޮލޮޖީ ކުންފުނި، އެޕަލްއިން ދީފިއެވެ.

މިއާއެކު އެޕަލް ކުންފުންޏަށް މިއަހަރު ލިބޭނެ ކަމަށް ކުރިން ލަފާކުރި އާމްދަނީއިން ބޮޑު ބައެއް އުނިވެގެންދާނެ ކަމުގެ އިންޒާރުވެސް އެޕަލްއިން ވަނީ ދީފައެވެ.

އެޕަލް ކުންފުނިން ބުނީ އައިފޯނުގެ އުފެއްދުމާ، ގަނެވިއްކުމުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށާ، އެހެންކަމުން ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް އައިފޯނު ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެޕަލް ކުންފުންޏަކީ، ކޮވިޑް-19ގެ ސަބަބުން ވިޔަފާރިއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް އެމެރިކާއިން ހާމަކުރި ފުރަތަމަ ކުންފުންޏެވެ.

އެޕަލް ކުންފުނިން ވަނީ މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި 67 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް މީގެ ކުރިން ލަފާކޮށްފައެވެ. ނަމަވެސް މިއަދަދު ދަށަށް ދާނީ ކިހާ މިންވަރަކަށް ކަމެއް އެކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19އާއި ގުޅިގެން ޗައިނާގައި އާ އަހަރުގެ ޗުއްޓީގެ މުއްދަތު އިތުރުކުރުމަށްފަހު ބައެއް އައުޓްލެޓްތަކުގެ އޮޕަރޭޝަންތައް މިހާރު ވަނީ ފަށާފައެވެ. އެޕަލް އިން ބުނާ ގޮތުގައި އެކުންފުންޏަށް އައިފޯނު އުފައްދާދޭ ޕާޓްނާ ކުންފުނިތައް ގާއިމުވެފައިވަނީ ކޮވިޑް-19ގެ އަސްލު ކަމަށްވާ ހޫބޭ ޕްރޮވިންސުން ބޭރުގައި ކަމުން، އައިފޯނު އުފެއްދުމުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ފެށިފައިވާ ކަމަށާ، ނަމަވެސް އެކަން ހިނގަމުންދަނީ ހީކުރި ވަރަށްވުރެ މާ ލަސް ދުވެއްޔެއްގައި ކަންވެސް އެޕަލް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެޕަލްގެ މި އިންޒާރަކީ ދުނިޔޭގެ 2 ވަނަ އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާގެ އިގުތިސޯދު މިއަހަރު އިނދަޖެހިދާނެ ކަމުގެ އިންޒާރުގެ މެސެޖެއް ކަމަށް ވިޔަފާރިއާއި އިގުތިސޯދީ ޚަބަރުތައް ދިރާސާކުރާ މުރާސިލުން ސިފަކުރެއެވެ. ޗައިނާގެ އިގުތިސޯދު އިނދަޖެހުމަކީ ދުނިޔޭގެ ފެންވަރުގައި އިގުތިސޯދީ ހީނަރުކަމުގެ ކާރިސާއަކާ ކުރިމަތިނުވެ ނުދާނެ ނުރައްކާތެރި ހާލަތަކެވެ.