އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާ ގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.

އުރީދޫއިން ބުނީ އެ ޖަލްސާގައި އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައި ކަމަށެވެ. މި ޖަލްސާގައި 2019 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2019 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2019 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިހާބު ކުރުން އޮންނާނެއެވެ.

އުރީދޫގެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަކީ:

  • އިބްރާހީމް ފިރުޝާން
  • އައިޝަތު ހުސައިން މަނިކު
  • އިބްރާހީމް ޝަރީފް މުހައްމަދު
  • ފަރީޙާ ޝަރީފު

އުރީދޫއިން ބުނީ އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހަޅަން އެދޭ ކަމަށްވެސް އުރީދޫއިން ބުނެއެވެ. އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ކެންސަލް ކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހަޅަން އެދޭ ކަމަށްވެސް އުރީދޫއިން ބުންޏެވެ. އެ ފޯމުތައް ފުރުއްވުމަށްފަހު މި މަހުގެ 20ވަނަ ދުވަހުގެ ހަވީރު 4:30ގެ ކުރިން އެކުންފުނީގެ ހެޑް އޮފީހަށް ހުށަހެޅުމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ. އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީލެމެއިލް ފޮނުއްވުން އެދޭ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، [ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ] އިން ނުވަތަ އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބެން ހުންނާނެއެވެ.

"މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވަން ވަޑައިގަންނަވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ،" އުރީދޫއިން ބުންޏެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އަހަރީ ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރި ނުވެވޭނެ ކަމަށެވެ.