ޔޮކޮހާމާ ބަނދަރުގައި ކަރަންޓީނު ކޮށްފައިވާ "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާގައި ތިބި އެމެރިކާ ރައްޔިތުން ގޮވައިގެން 2 މަތިންދާ ބޯޓެއް ޖަޕާނުން ފުރައިފިއެވެ.

މި ފްލައިޓްތަކަކީ އެމެރިކާ ސަރުކާރުން ޗާޓަރު ކޮށްފައިވާ ފްލައިޓްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފެބުރުވަރީ 3 ވަނަ ދުވަހުން ފެށިގެން މި ކުރޫޒްލައިނާ ކަރަންޓީނު ކޮށްފައިވަނީ އެ ކުރޫޒްއިން ދަތުރުކުރި މީހެއްގެ ހަށިގަނޑުން ވައިރަހުގެ އަސަރު ފެނުނު ފަހުންނެވެ.

ކުރޫޒްލައިނާގައި އެމެރިކާގެ 400 އެއްހާ ރައްޔިތުން ތިބިއިރު، 40 މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި 40 މީހުންނަށް ފަރުވާ ދޭނީ ޖަޕާނުގައި ކަމަށް މައުލޫމާތު ލިބެއެވެ. ބައެއް މީހުންވަނީ ކުރޫޒްލައިނާއަށް ދީފައިވާ ކަރަންޓީނުގެ މުއްދަތު ކަމަށްވާ ފެބުރުވަރީ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ކުރޫޒްލައިނާގައި މަޑުކުރަން ނިންމާ، ސަރުކާރުގެ އިވަކުއޭޝަން އޮޕަރޭޝަންގައި ބައިވެރި ނުވާން ނިންމާފައެވެ. އެހެންކަމުން، ޗާޓަރު ފްލައިޓްތަކުގައި ދަތުރުކުރަނީ ކިހާ ބައެއްކަން އަދި ކަށަވަރެއް ނުކުރެވެއެވެ.

އެމެރިކާގެ ޗާޓަރު ފްލައިޓްތަކުގައި ކުރޫޒްލައިނާއިން އިވަކުއޭޓްކުރާ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އަސްކަރީ ބޭސްތަކަށެވެ. އަދި ދަތުރު މަތީގައިވެސް އެއްވެސް ފަސެންޖަރެއްގެ ހަށިގަނޑުން ވައިރަހުގެ އަލާމާތެއް ފެނިއްޖެ ނަމަ، އެމީހަކު އެކަހެރި ކުރެވޭނެ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ފަސެންޖަރުންނާ ކުރޫއިންނާއެކު ގާތްގަނޑަކަށް 3700 އެއްހާ މީހުން ތިބި މި ކުރޫޒްލައިނާއިން މިހާތަނަށް 355 މީހަކު ކޮވިޑް-19އަށްވަނީ ޕޮޒިޓިވްވެފައެވެ. މިއީ ޗައިނާއިން ބޭރުން އެއް ސަރަހައްދަކުން ކޮވިޑް-19އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ލޮކޭޝަންއެވެ.